ads
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
އަމާޒަކީ ޓެކްނޮލޮޖީއިން ގުޅިފައިވާ ތައުލީމީ ތަނަަކަށް ރާއްޖެ ހެދުން: މާރިޔާ
އަމާޒަކީ ރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުމަށްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.މި ކޮންފެރެންސްގައި މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.

މުޅި ރާއްޖެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅާލާ، ތައުލީމީ ތަނަކަށް ހެދުމުމަށް އަމާޒުކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތައުލީމީ ނިޒާމެއް ގާއިމްކުރުމަކީވެސް  އަމާޒުހިފާފައިވާކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތައުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމަށާއި، ދަރިވަރުންނާއި މުދައްރިސުން އެފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުގައްރަރުގައި ހިމަނަންޖެހޭކަމަށެވެ.

ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ގަވާއިދުތަށް އުފައްދައި، އެ ގަވާއިދުތަށް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުހިއްމުކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ރާއްޖޭއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ގައުމަކަށް ވީއިރު، އެފަދަ ގައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތަށް ބޭނުންކޮށް، ތައުލީމު ފޯރުކޮއްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަށެވެ. ނަމަވެސް، އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، "ސްމާޓް އެޑިޔުކޭޝަން" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތައުލީމު ފޯރުކޮއްދިނުމުގެ ފުރުސަތުތަށް ހޯދަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮއްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުރާލައި ރާވައިގެން މަސައްކަތްތަށް ކުރިއަށް ގެންދިޔުމާއި، މަތީ ތައުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތައުލީމު ފޯރުކޮއްދިނުމަކީ ރާއްޖެއަށް ބޭނުންވެފައިވާ ކަމެއްކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޗައިނާގެ "ބެއިޖިން ނޯމަލް ޔުނިވާސިޓީ"ގެ ދައުވަތަކަށް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ފުރާވަޑައިނެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ހަޔާ އެޑިއުކޭޝަނުން އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ މަގުބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ އެފަދަ ޔުނިވާސިޓީތަކާއި ގުޅިގެން ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް