ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައެޅި އިސްލާހު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް މާދަމާ މަޖިލީހުގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފައެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ މަޖްލިސްގައި އެޖެންޑާ ކޮށްފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް އަދި ލާމަރުކަޒީ ގާނޫނަށް ހުށައެޅޭ އިސްލާހާއި އެކު ކައުންސިލްތަކަށް ރަށްރަށުގެ ބިން ޕްލޭންކުރުމާއި ބޭނުންކުރުމުގެ އިހްތިޔާރު އެއްކޮށް ކަޑާލެވި މިނިސްޓްރީ ތަކުގެ ބާރުގެ ދަށަށް ގެނެވިގެންދާނެކަަމަށެވެ. ނިޒާރު ވިދާޅުވީ ރައްޔިތުން އުއްމީދުކުރީ ގަދީމީ ޖާހިލް ބަދަލުތަކަކަށް ނޫންކަމަށާއި ރައްޔިތުން އެދުނީ ތަހްޒީބު ޒަމާނީ ޑިމޮކުރެޓިކް ބަދަލުތަކަަށްކަމަށެވެ. އަދި ސަރުކާރުގެ ކިބައިން ފެންނަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާތަންކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށައަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލްގެ މަގުސަދެއްކަމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާއި ގުޅޭ ކަންކަން ހަރުދަނާކޮށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި ދެމެހެެއްޓެނެވި އަދި ޒިންމާދާރު ގޮތެއްގައި ދިވެހިރާއްޖޭގެ ބިމުގެ ބޭނުން ހިފެނޭ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި ، ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްޤީގެ މަސައްކަތްތައް މޮނީޓަރުކޮށް ފިޔަވަޅު އެޅުމާއި ބެހޭ އުސޫލަތައް ކަނޑައެޅުންކަމަށެވެ.