ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޖެނުއަރީ މަހު 28 ގައެވެ. ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ކުރިން ވިދާޅުވެފައެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިމަހުގެ ފަސްވަނަދުވަހުއެވެ. މި މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހަށެވެ. ޓްރާންސްޕޯޓުން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ 10 އަހަރުގެ މުއްދަތަށް ކަމަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓްރާންޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޓަރުގެ ހިދުމަތް ދިނުމަށް ބައިނަލްއަޤްވާމީ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ، އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުގައިކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ފަށާނީ ރާއްޖޭގައި ވައިގެ ހިދުމަތް ދިނުމުގެ ލައިސަންސާ ސެޓްފިކެޓް އެ ކުންފުނިތަކަށް ލިބުމުންކަމަށާއި ހިދުމަތް ދޭނެ ބަޔަކު ހޮވުމަށް ދެމަސް ދުވަސް ހޭދަވާނެކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ހެލިކޮޕްޓަރު ހުއްދަދޭން ހޮވާ ކުންފުންޏެއް ކަނޑައެޅުމަށްފަހު އެ ބަޔަކަށް ރާއްޖޭގައި އުދުހުމުގެ ހުއްދަ ދޭނީ "އެއަރ އޮޕަރޭޓަރ ސެޓްފިކެޓް" ދީގެންކަމަށެވެ. އަދި މި މަސައްކަތަށް ހަވަރަކަށް ނޫނީ އަށްވަރަކަށް މަސް ހޭދަވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދަޅުވީ އާމާޒަކީ ކުރިއަށް އޮތް 10 މަސް ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުންކަމަށެވެ.
1999 ވަނަ އަހަރު ހެލިކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ރާއްޖޭގައި ހިނގާ ދިވެހިންނާއި ފަތުރުވެރިން ވަނީ މަރުވެފައެވެ. އެއާއި އެކު ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުން މަނާކޮށް ހުއްޓާލިއެވެ.
ފުރަތަމަ ހާދިސާ ހިނގީ 1999 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަދުވަހުއެވެ. ހަމިންބާޑްގެ ހެލިކޮޕްޓަރެއް ރަންގަލި ހެލިޕޭޑުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަޅުތެރެއަށް ވެއްޓި 4 މީހުން މަރުވިއެވެ. އޭގެ އިންޖީނު ފެއިލްވެގެން ހިނގި މިހާދިސާގައި ފަތުރުވެރިންވެސް ހިމެނެއެވެ. 20 މީހުން ތިބި މި ހެލިކޮޕްޓަރުން ސަލާމަތްވި 16 މީހުންނަށް އެކިވަރުގެ އަނިޔާތައްވެސް ލިބުނެވެ.
އޭގެ ފަހުން ހަމަ އެ އަހަރުގެ ޑިސެމްބަރު ،3 ވަނަ ދުވަހު މޯލްޑިވިއަން އެއާ ޓެކްސީގެ ހެލިކޮޕްޓަރެއް ރަންގަލީގެ ހެލިޕޭޑުން ފުރައިގެން ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަޅުތެރެއަށް ވެއްޓުނެވެ. އެ ހެލިކޮޕްޓަރުން ދަތުރުކުރި 10 މީހުން ވަނީ މަރުވެފައެވެ. އޭގެތެެރޭގައިވެސް ފަތުރުވެރިން ހިމެނުނެވެ. އެ ހާދިސާ އަށް ފަހު ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުން ހުއްޓާލި އެވެ.