މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހީމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ޝިމާދު އިބްރާހީމެވެ.
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިން ހިދުމަތާއެކު، މެރިޓައިމްގެ އިތުރު ހިދުމަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފޯރުކޮށްދޭއިރު މިއެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފޯރުކޮށްދެނީ އެ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހިދުމަތްތަކެވެ.
މި އެއްބަސްވުމުގެ ދަށުން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މި ހިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ، އަންނަ މަހުގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އިހަވަންދިއްޕިޅުގައި ފަށަނީ ފްލޯޓިން ބަންކަރެއްގެ ގޮތުގައި ކަމަށާއި އަމާޒަކީ މުސްތަގްބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖެއް ވެސް ހަދާށެވެ. މިވަގުތު އެ ހިދުމަތް ފަށަނީ ދެ ބާޖު ބޭނުންކޮށްގެން ނެވެ. އޭގެ އިން ކޮންމެ ބާޖަކުން 4،000 ޓަނުގެ ތެޔޮ އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް އިޝްތިހާރު ނުކުރެވި މިހާރުވެސް މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދުން ފެނުގެ ހިދުމަތް ހޯދުމަށް އެދޭ ކަމަށާއި އެހެންކަމުން ތެލާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.