ބީބީސީން ބުނި ގޮތުގައި ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ނަޕޯލީ އަށް ބަދަލުވާން އެއްބަސްވެފައިވަނީ 30 މިލިއަން ޕައުންޑްގެ ޕާމެނަންޓް ޑީލަކަށެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާން އަދި ރޯމާ އަށް ކުޅެފަ އެވެ. އެންމެ ފަހުން ލުކާކޫ ކުޅުނީ ރޯމާ އަށެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނަޕޯލީ އާއެކު ލުކާކޫ ސޮއި ކުރާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަޕޯލީ ވެގެން ދާނީ ލުކާކޫގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ 10 ވަނަ ކުލަބަށެވެ.