ads
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ
ގޮންޖެހުން ހުއްޓަސް، ބީއެމްއެލްގެ މާލީ ހާލަތު ވަަރަށް ރަނގަޅު: އެމްއެމްއޭ
ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
Advertisement

އެމްއެމްއޭއީން މިހެން ހާމަކުރީ މިއަދު އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް ބޭންކުގެ މާލީ ހާލަތު ރަނގަޅުކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނީ  ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ އެ ބަދަލު މުރާޖާ ކުރުމަށް ބީއެމްއެލްއަށް އެއޮތޯރިޓީން އިރުޝާދުދީފައިވާނެ ކަމަށެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ އޮތޯރިޓީން ވަނީ ބީއެމްއެލް އާ ބައްދަލުކޮށްފައިކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެގޮތުން ގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަންވެސް ބީއެމްއެލްއިން ފާހަގަ ކުރާކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ވަނީ އިތުރުވެފައި ކަމަށްކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.

"ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިންގ ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް އިން" އެމްއެމްއޭއިން ބުނެ އެވެ.

ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައިކަމަށްވާއިރު އެއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައިކަމަށް ބިއެމްއެލްއިން ބުނާ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ފާހަގަކުރެ އެވެ. އަދި އެއީ ކާޑުގެ މުއާމަލާތްތައް ކަމަށާއި އެއީ މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވޭކަން އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ވެސް އެ އޮތޯރިޓީން ފާހަގަކުރި އެވެ.

"2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވޭ، އަދި 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފައި، ހަމަ އެއާއެކު މިއަހަރުވެސް މި އަދަދު ވަނީ އިތުރުކޮށްފައި، މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަން ފާހަގަކުރަން" އެމްއެމްއޭއިން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި އެފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވިގެން ދާނެކަމަށެވެ. 

އޭގެއިތުރުން ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނީ  މި ބަދަލުތައް ވެގެންދާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކަކަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް