ރައީސް މިފަދައިން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާރުގައި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކު ވެސް ހިތުގައި ބިންވަޅު ނަގަންވީ، އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހުމުގެ އަޒުމު ކަމަށެވެ. ކުރިމަތިވާ ހުރިހާ ޗެލެންޖްތަކަށް ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ އަޒުމުގައި ކުރިއަށްދިއުމަށް ރައީސް ވަނީ ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް މުޖުތަމައު އަދި ގައުމަށް ކަމެއް ކޮށްދޭ މީހަކަށްވުމުގެ އަޒުމު ވެސް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެ އަޒުމުގައި މަސައްކަތް ކޮށްފި ނަމަ، ރައީސް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެ އެވެ.
މީގެއިތުރުން ރައީސް ވަނީ މަޖިދީއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން 40 ކްލާހުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އޭގެތެރެއިން ބައެއް ކްލާސްތައް ހަމަޖައްސާނީ ސްމާޓް ކްލާސްތަކެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.