ads
ވަޒީރުންގެ މަޖިލިސް ޖަލަސްސާއެއްގެ ތެރެއިން
ވެންޑަރުންގެ ފައިސާ ޓީބޮންޑާއި ބިމަށް ބަދަލުކުރެވޭ ގޮތް ހަދަނީ
ދައުލަތުން އެކި ފަރާތްތަކަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭ ގޮތަށް ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި ފައިސާގެ ބަދަލުގައި ބިމެއް ކުއްޔަށް ނެގުން ފަދަ އިހުތިޔާރެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

މި ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމެވީ ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތައްކަށް ހައްލު ހޯދުމަށް އިއްޔެ ވަޒީރުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހު އެވެ. އެކަން އިއުލާނު ކުރީ ދާދި ދެންމެ އެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭގޮތުން ރައީސް ނިންމެވިކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ހަލާސްކުރުން ހިމެނެއެވެ.

މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށްވުރެދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށްވެސް ވަނީ ނިންމަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ހާއްސަކޮށް މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖޭ ފައިސާއިން އޮފްސެޓް ކުރުމާއި، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ޓާސްކްފޯހެއް އެކުލަވައިލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް އިސްކަން ދޭނެ ކަމަށާއި ފިނޭންސުން ހުށަހެޅި ލޯނު ނެގޭނެ ގޮތްތަކުގެ އިތުރުން ލޯނު ނެގޭނެ އިތުރު ގޮތްތައް ވެސް ބަލައި ލޯނު ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ވަނީ ނިންމަވައިފަ އެވެ.

ރައީސް މި ނިންމެވުން ނިންމެވިއިރު، ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް ސަތޭކަ މިލިއަނަކަށް އަރަ އެވެ.

އަމިއްލަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ 16 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެ ފައިސާ ދައުލަތަށް ލިބުމުން ރާއްޖޭގެ މާލީ ހާލަތު އެއްކޮށް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް