އެމްޑީޕީން މި ގޮތަށް ގޮވާލީ ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އާދިއްތަ ދުވަހު ކުރަން އުޅުނީ މާލީ ބަގާވަތާތެއްކަމަށް ބުނެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.
މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުންނާއި ސަރުކާރުގެ މި ވާހަކަތަކަށް ރައްދުދެމުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ދިވެހިރާއްޖޭގެ ދިގު ތާރީހުގައި އިއްޔެއަކީ ލަދުވެތި ދުވަހެއްކަމަށެވެ. ދިވެހިރާއްޖޭގެ ވެރިއަކު ދިވެހި ސަރުކާރަކުން ނުކުމެ މާލީ ބަޣާވާތެއް ގެންނަން އުޅެނީއޭ ވިދާޅުވެ ދެއްކެވި ވާހަކަ އަކީ ލަދުވެތި ވާހަކަތަކެއްކަމަށެވެ.
ފައްޔާޒު ވިދާޅުވީ އިއްޔެ ފެނިގެންދިޔައީ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފުލުހުން ކަންކަން ކުރަމުންދާތަން ކަމަށެވެ.
ފައްޔާޒު ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާދިއްތަދުވަހު ނިންމި ބޮޑު ނިންމުމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ ފެއިލްވެފައިވާ ކަމަށާއި އެއީ "ބަޣާވާތެއް" ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އޮތް ޕީއެންސީ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.