ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ލީޑަރޝިޕް ޕްރޮގުރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް"ގެ ތަމުރީނު ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައިސްގެ ވާހަކަފުޅުގައި ކަމާގުޅޭ އިލްމާއި ހުނަރު ލިބި، ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވި، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކުގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކޮށް، އެއީ ކަންކަން ލީޑްކޮށް އީޖާދީ ބަދަލުތައް ގެނެސް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުންގެ ގޮތުގައި ބިނާ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްކުރުމުގައި ގާތް ރަހުމަތްތެރި އަވަށްޓެރި ގައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށާއި އިދާރާތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ވެސް ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ
ނައިބު ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެއްވި އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެކުވެރި އަރަބި އިމާރާތުގެ ރައީސް، އަދި އަބޫދާބީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޔޫއޭއީގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމަށާއި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބު ޝައިހް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާންއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑަރޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއްގެ ފަށާފަވއެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމްލަ 5 މޮޑިއުލްގެ ތެރެއިން 2 މޮޑިއުލެއް ކުރިޔަށް ގެންދާނެ އެވެ.
މި ޕްރޮގުރާމުގެ ދަށުން ޔޫއޭއީގައި ވެސް ބައެއް ކުރިއަށްގެންދާނެބއެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫއޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަނައިޒޭޝަން ޕްރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ހަމަޖެހިފައި ވެ އެވެ.