އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަށް ހުއްދަ ދިނީ މިއަހަރުގެ އެޕްރީލް މަހު އެވެ.
މިމަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށް ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނެ އެވެ. ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މިނިސްޓަރު ރޭ ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ އަށް އެންމެ ބާރު ބޮޑު ކުރާ އެއް ކަމަކީ އިންޕޯޓްކުރާ ތެލަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން އަހަރަކު 500-600 މިލިއަން ޑޮލަރާ ހަމައަށް ތެޔޮ ގަންނަން ދައުލަތުން ހޭދަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެގެންވެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓެއްގެ ގޮތުގައި ނޮބެމްބަރުގައ ފަށާ ސޯލާ ސިޓީ ޕްރޮޖެކްޓުން 100 މެގަވޯޓުގެ ކަރަންޓް އުފައްދާއިރު ތެލަށް ކުރާ ހަރަދުގެ ބޮޑު ބައެއް ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ކޮންޓްރެކްޓް ޓެކްނިކަލް ކޮންޓްރެކްޓާއި އީއައިއޭ އޮތީ ނިމުމާ ގާތުގައި ކަމަށް ވިދާޅުވި އެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ މަޝްރޫއަށް ބޭނުންވާ ދިރާސާތައް ހެދުމާއި ތަފްސީލީ ކުރެހުންތަކާއި ސްކޯޕް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މިމަޝްރޫއުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ބެލެހެއްޓުމާއި ބެޓެރި ސިސްޓަމްތަކާއި އަދި މިނިޒާމު ރަށްރަށާއި ގުޅާލުމަށް ބޭނުންވާ އިންޓަރކަނެކްޝަން ވިއުގަވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފަ އެވެ.