ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެ، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ޔުނިއަނުން މިއަދު ވަނީ ބަޔާނެއް ނެރެފި އެވެ.
އެ ބަޔާނުގައި ވަަނީ ސަރުކާރުން މަސްވެރިކަަމަށް ނިންމާފައިވާ ނިންމުމަކީ ސީދާގޮތުންނާއި ނުސީދާގޮތުން މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަސަރުކުރުވައި އަދި ރާއްޖޭގެ އިގްތިސޯދު އޭގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ތިމާވެއްޓާއި އަދި ކަނޑުތަކުގެ ދިރުންތަކަށް ގެއްލުން ދެނެވި ކަމެއްކަމަށެވެ. އެގޮތުން ލޭނުގެ މަސްވެރިކަމަކީ އިޖްތިމާއީ އަދި އިގްތިސޯދިގޮތުން ގެއްލުންތައް ބޮޑު ބާވަތެއްގެ މަސްވެރިކަމެއްކަން ދިރާސީ ހެކިތަކުގެ އަލީގައި އެގެން ހުރިއިރު އެފަދަ ބޮޑު ނިންމުމެއް މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ މަސްވެރިންނާ މަޝްވަރާނުކޮށް ނިންމުމަކީ މަސްވެރިންނާއި މަސްވެރިއާއިލާތަކުގެ ކަންބޮޑުވުމެއްކަމަށް އެ ޔޫނިއަނުން ފާހަގަކުރެ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންނެލި މަސްވެރިންނާ ގުޅޭ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މަސްވެރިންނާއި މަސްވެރި އާއިލާތައް ތިބި ކަން ފާހަގަކޮށްފަ އެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް:
ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމަކީ މަދު ވިޔަފާރިވެރިންގެ މަސަލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެއްކަން އެ ޔޫނިއަނުން ގަބުލުކުރާކަން ފާހަގަކުރެ އެވެ. އަދި އެ ނިންމުމުގެ ސަބަބުން ދިވެހި އެތަކެއް އާއިލާއެއް ބިކަވެ އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ކަނޑުތަަކަށް ނަފާ ހޯދާ ފަރާތަތަކުން ނުހަނު ގެއްލުން ވާނެ ނިންމުމެއްކަން އެ ޔޫނިއަނުން ބުނެ އެވެ.
އެ ބަޔާނުގައި ވަޒިރުންގެ މަޖިލީހުން ކަންނެލި މަސްވެރިކަަމަށް ލޭނު އެޅުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމަކީ ކަންނެލި މަސްވެރިންނާއި މަސްވެރި އާއިލާތައް ނުހަނު ކަންބޮޑުވާ އަދި ބަލައިގަންނަން އުނދަގޫ ނިންމުމެއްކަން އެ ޔޫނިއަނުން ބުނެއެވެ. ކަންނެލި މަސްވެރިކަަމަށް ލޭނު އަޅަން ހުއްދަ ދޭން ނިންމާފައިވާ ނިންމުން ބާތިލުކޮށް އެ ސިނާއަތުގައި އުޅޭ މަސްވެރިންނަށް އެންމެ ފައިދާވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް މަސްވެރިން މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޑރ.މުއިއްޒުގެ އަރިހުން އެދޭކަމަށް ޔޫނިއަނުން ބުނެ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ އެ ޔޫނިއަން އަބަދުވެސް ދެމިއޮންނާނީ ބޮޑު ކަންނެލި މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ހައްގުތައް ހޯދައިދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ހުރީ ތައްޔާރަށްކަމަށް އެ ފަރާތުން ބުނެއެވެ.