ads
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ސަރުކާރަށް ގޮވާލައިފައިވަނީ ބަހަނާ ނުދައްކައި އިގްތިސާދު ރަނގަޅު ކުރުމަށް --
ރާއްޖޭ ރޭޓިން ދަށްކުރުމުން އެމްޑީޕީން ގޮވާލީ އިސްލާހުތައް ގެނައުން އަވަސްކުރަން
ބަހަނާ ނުދައްކާ މާލީ އިސްލާހުތައް ގެނައުން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
Advertisement

ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް އޭޖެންސީތަކުގެ ތެރެއިން އެއް އޭޖެންސީ ކަމަށްވާ ފިޗް އިން ރާއްޖެ "ސީސީ" ރޭޓިން އަކަށް ދަށްކޮށްފަ އެވެ.

ރާއްޖެއަށް ކުރިން ދީފައިވަނީ "ސީސީސީ ޕްލަސް" އެވެ. އޭގެ ކުރިން ރާއްޖެއަށް ދީފައި އޮތީ "ސީސީސީ" ރޭޓިން އެކެވެ. މިއީ މި އަހަރު ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.

މި ރޭޓިން އަކީ ކުރިން ދީފައިވާ ރޭޓިން އަށްވުރެ ތިން ދަރަޖަ ދަށް ރޭޓިން އެކެވެ. ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެ އެވެ. 

އެމްޑީޕީން މިއަދު ނެރުނު ނޫސް ބާޔާނެއްގައި ބުނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިން ދަށްކުރުމުން ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަން އެނގޭ ކަމަށެވެ.

"މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ،" އެމްޑީޕީން ބުންޏެވެ.

އަދި ދައުލަތުގެ މާލީ ހިސާބުތައް އާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އެމްޑީޕީން ބުނީ އެ ޕާޓީން ދެކޭ ގޮތުގައި މައްސަލަތަކާ ގުޅުންހުރި ކަންކަން ދެނެގަތުމަކީ މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ފިޗުގެ ރޭޓިން އާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލީ ދާއިރާއަށާއި ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭގޮތެއްގައި ރިފޯމްކޮށް މެދުރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް ހައްލުކުރުމަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ފިޗުން ދިން ސީސީ ރޭޓިންގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެއަށް ބޮޑެތި ރިސްކުރައް ހުރިކަމެވެ. ފިޗުން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް