ads
ފިޗް އިން ރާއްޖޭގެ ރޭޓިން ދެ ވަނަ ފަހަރަށް ދަށްކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ދެ ވަނަ ފަހަރަށް ދަށްކޮށްފި އެވެ.
Advertisement

އެންމެ ފަހުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ.

މިއަދު ދިން ރޭޓިން އަކީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ތިން ދަރަޖަ ދަށްކޮށް ދީފައިވާ ރޭޓިން އެކެވެ. ސީސީ ރޭޓިންގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެ އަށް ބޮޑެތި ހިރާސްތައް ހުރި ކަމެވެ.

ފިޗް އިން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި:

  • ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުން
  • ދަައްކަން ހުރި ބޮޑެތި ބޭރުގެ ދަރަނިތައް ހުރުން
  • ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮތުން
  • ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވުން
  • ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ކަޅު ބާޒާރާއި) ރަސްމީ ރިޒާވަށް ވެސް ޕްރެޝަރު އޮތުން
  • ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުން 
"މިކަންކަމަށް މެދު ރާސްތާގައި އޮތް ތަސައްލީއަކީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުން" ފިޗުން ފާހަގަކުރި އެވެ.

މަރުކަޒީ ބޭންކް އިން އާންމުކުރި އޮގަސްޓް މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވުގައި 509.2 މިލިއަން ޑޮލަރު ހުއްޓެވެ.

މި އަދަދު ޖުލައި މަހު 395.4 މިލިއަން ޑޮލަރުގައި ހުރިއިރު މިއީ ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރި އަދަދަށްވުރެ 113.8 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހުވެސް ދަށަށް ގޮސްފަ އެވެ. ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ޖުލައި މަހު 594.1 މިލިއަން ޑޮލަރު ހުއްޓެވެ.

ރަސްމީ ރިޒާވް ޖުލައި މަހު ދަށަށް ގޮސްފައިވާއިރު ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިން ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ ޖޫން މަހު ނެރުނު ފިޗް ރޭޓިންގައި ދައުލަތުގެ އޭރުގެ ދަރަނީގެ ހާލަރު ރަނގަޅުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލާފައި ވެ އެވެ. އިސްލާހީ ފިޔަވަޅުތައް ސަރުކާރުން އިއުލާން ކޮށްފައިވީ ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ރޭޓިން އޭޖެންސީތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ޒަމާނުއްސުރެ ލަފާދެމުން އައިސްފައިވާ އިސްލާހީ ފިޔަވަޅުތައް އެޅުމަށް މި ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.

"ފިޗް ރޭޓިންގްސް"އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިންއެއް ދިނީ 2016 ވަނަ އަހަރެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް