ads
ރައީސް، ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު - ފޮޓޯ/ ރައީސް އޮފީސް
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި ކުޑަކުރެވޭނެ: ފިނޭންސް
މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި %90އަށް ކުޑަކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފިނޭންސް އިން މިހެން ބުނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ދެ ވަނަ ފަހަރަށް މިއަދު ދަށްކުރުމާއި ގުޅިގެން ނެވެ. 

ރާއްޖޭގެ ރޭޓިންއަކީ މިވަގުތު މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ބައެއް ގައުމުތަކާ އެއްވަރު އަދި ބައެއް ގައުމުތަކަށް ވުރެ ދަށް ރޭޓިންއެކެވެ.

ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެ އެވެ.

"ރޭޓިން އެޖެންސީން ދިން ލަފައާ އެއްގޮތަށް، މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ވަށައިޖެހޭ ރިފޯމެއް ގެންނަން ޖެހޭ" ފިޗުން ރޭޓިން ދަށްކުރުމުން ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނުގައި ވެ އެވެ.

ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ބަޔާންކުރައްވަމުން ފިނޭންސް މިނިސްޓްރީން ބުނީ، އާމްދަނީ އިތުރުކުރުމަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، އެއާޕޯޓު ޓެކްސްތަކާއި ފީތަކާއި، ގްރީން ޓެކްސްގެ ރޭޓުތަކާއި، ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ މަތިކުރުމަށް ނިންމާފައިވާކަމަށެވެ. ހަމައެއާއެކު ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީގެ ގާނޫނު އިސްލާހުކޮށް، ޓެކްސްގެ ބޭސްފުޅާކުރުން ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ފިޔަވަޅުތަކާއެކު ދައުލަތަށް ވަންނަ ބޭރުފައިސާގެ ޢާމްދަނީ އިތުރުކުރެވިގެންދާނެކަމަށް ސަރުކާރުން ފިނޭންސް މިނިސްޓްރީން ބުންޏެވެ. މީގެ ސަބަބުން ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެކަންވެސް ފިނޭންސުން ފާހަގަކުރެ އެވެ. މީގެ ބޭރުފައިސާއިން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް ފަސޭހަވެ، ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން އުންމީދު ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމާއި ޓާގެޓު ސަބްސިޑީއަށް ބަދަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެ ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް