 
                                                                                                
                    އެ މަނިކުފާނު އެފަދައިން ވިދާޅުވީ ސިނަމާލެ ބުރިޖަށް ހަ އަހަރު ފުރުން ފާހަގަކުރައްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑރ.މުއިއްޒުގެ މިނިސްޓަރުކަމުގައި ފެށުނު މަޝްރޫއުގެ މަސައްކަތް ނިންމައި އޯގަސްޓު 29 ވަނަ ދުވަހު އިފުތިތާހުކުރިއިރު، އެ މަޝްރޫއަށް ހަރަދުވި ފައިސާގެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާގެ ހިލޭ އެހީގެ ގޮތުގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މި ބާވަތުގެ އެންމެ ބޮޑު މަޝްރޫ އެވެ. މިހާރު ވިލިމާލެ ބުރިޖުގެ މަސައްކަތްދަނީ ކުރިއަށެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިމަނާލެ ބްރިޖަކީ ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާގައި ފާހަގަކޮށްލެވޭ ބިނާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކާއި ކުރިއެރުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑްހާބަރ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާ ބްރިޖު ހުޅުވާފައި ވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ.
ސިނަމާލެ ބުރިޖަށް 6 އަހަރު ފުރުމާއި ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންގެ ދިރިއުޅުމަށްވެސް މި ބުރިޖާއެކު އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެ މަޝްރޫއު ކުރިއަށްދިޔައިރު ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުއްތަލިބަކީ އެއިރު އެ މިނިސްޓްރީގެ ދަށުން އެ މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރައްވައި މަސައްކަތް ކުރިއަށްދިޔަ ގޮތް ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރެއްވި ބޭފުޅާ އެވެ. މުޅި މަޝްރޫއު ހިންގެވުމުގެ ހުރިހާ ޒިންމާއެއް އަދާކުރެއްވީ އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ޗައިނާގެ ދީލަތި އެހީގައި ހަގީގަތަކަށް ވެގެންދިޔަ ބުރިޖަކީ ރާއްޖޭގައި ހިންގޭނެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މިންގަނޑު މުޅިން އައު ހަރުފަތަކަށް އުފުލައިދިން މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި ހިންގި މިބާވަތުގެ ފުރަތަމަ މަޝްރޫއަށްވާއިރު އެ ބުރިޖަކީ ޗައިނާއާއި ރާއްޖޭގެ މެދުގައި އޮތް އެކުވެރިކަމުގެ ދެމިގެންދަނިވި ރަމްޒެއް ކަމުގައި މުއްތަލިބު ފާހަގަކުރެއްވި އެވެ.