މިއަދު ނެރުނު ބަޔާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ހާމަކުރީ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭތްކޮށް އޭގެ ހިދުމަތް ދިނުމުގެ ހުއްދަ ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓްއަށް ދިނުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަމުން ދާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅިގެންނެވެ.
އެ މިނިސްޓަރީީން ބުނީ ވަކި ކުންފުންޏަކާ އަދި ހަވާލުކޮށްފައި ނުވަނީ އެ ކަމަށަ އާރްއެފްޕީ މަރުހަލާ އަދި ފެށިފައިނުވާތީކަމަށެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިއުލާންކޮށްފައިވާއިރު ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ގެ ކުރިން ހުށައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފައިވެ އެވެ. ޓްރާންސްޕޯޓުން ބުނީ ހެލިކޮޕްތަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ 10 އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ހެލިކޮޕްޓަރުގެ ހިދުމަތް ދެ ގޮތަކަށް ދޭން ޖެހޭނަކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެއި ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސާއި ވިޔަފާރި އުސޫލުން ރިސޯޓްތަކަށް ފަތުރުވެރިން އުފުލަމަށެވެ.
މިއަދު ނެރުނު ބަޔާނުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖެ ފަދަ ޖަޒީރާ މާހައުލުތަކަށް ހާއްސަ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ސާބިތު ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ ހެލިކޮޕްޓަރު އޮޕަރޭޝަންތައް ރަނގަޅަށް ދައްކާލެވޭނެ އޮޕަރޭޓަރެއް ހޮވުންކަމަށެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް 19 އޮގަސްޓްއާ ހަމައަށް ދީފައިވާއިރު މި ތާރީހުގެ ކުރިން އެއްވެސް ބަޔަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން އެއްވެސް ރިކުއެސްޓެއް ނެރިފައެއް ނުވާނެކަމަށް ބަޔާނުގައި ބުނެ އެވެެ.
ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޖެނުއަރީ މަހު 28 ގައެވެ. ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން އެކަމަށްް ބޭނުންވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
1999 ވަނަ އަހަރު ހެލިކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ރާއްޖޭގައި ހިނގާ ދިވެހިންނާއި ފަތުރުވެރިން ވަނީ މަރުވެފަ އެވެ. އެއާއި އެކު ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުން މަނާކޮށް ހުއްޓާލި އެވެ.
އަލުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަކީ ޓޫރިޒަމް އަދި މެޑިކަލް އިވެކުއޭޝަން ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ.