ads
އެމްޑީޕީން ޕްރެސް ބާއްވަން އަހައިފި، ޖަވާބު ދެއްވީ އިހްސާން
އިދިކޮޅު އެމްޑީޕީން ޕްރެސްއެއް ބާއްވަން ދައުލަތުގެ ކަމެއް ނުވަތަ ނިންމުމެއް އެދުވަހު އޮތްތޯ ކުރި ސުވާލަކަށް ހޯމް މިނިސްޓަރު އަލީ އިހްސާން ޖަވާބުދެއްވައިފި އެވެ.
Advertisement

މިދިޔަ ހަފްތާގައި އެމްޑީޕީން ޕްރެސްއެއް ބޭއްވި ވަގުތާއި ބޭންކް އޮފް މޯލްޑްޑިވްސް ކާޑު ލިމިޓަަށް ބަދަލު ގެނައި ވަގުތާ ދިމާވުން އެއީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ. 

މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އިބްރާހިމް އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހަފްތާގައި އެމް.ޑީ.ޕީ ގެ އިގުތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސް ކޮންފަރެންސް އެއް ބާއްވަން ވިސްނަމުން ގެންދަވާކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން ދައުލަތުގެ އެއްވެސް އިދާާރާއަކުން ކަމެއް ނިންމާ އިއުލާންކުރަން ހަމަޖެހިފައިވޭތޯ އަމީރު ވަނީ ސުވާލުކުރައްވާފަ އެވެ. އަމީރު މި ސުވާލުތައް އުފައްދަވާފައިވާއިރު ފުލުހުން ބަލަމުންދާ މައްސަލާގައި ހިމެނޭ ޕްރެސްގައި މައުލުމާތު ދެއްވަން އެދުވަހު އިންނެވީވެސް އަމީރެވެ. 

" ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން އެންމެ ރަނގަޅު ދުވަހަކީ، ވަގުތަކީ ކޮބައިތޯ؟ އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިޢުލާނުކުރުމަށް ހަމަޖެހިފައިވޭތޯ" އަމީރު އެކްސްގައި ކުރެއްވި ސުވާލުތަކުގައިވެ އެވެ.

އަމީރުގެ މި ވާހަކަތަކަށް ޖަވާބު ދެއްވީ ފުލުހުންގެ އިދާރާ ބަލަހައްޓަވާ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ. އޭނާ އަމީރުގެ ސުވާލު ޝެއާކޮށް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޕްރެސް ކޮންފަރެންސް ބޭއްވުމަކީ ގާނޫނާއި ގަވައިދާ ހިލާފުކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އިއްތިފާގުތައް ދިމާވިއްޔާ ޝައްކުކަމަށް ވިދާޅުވިއެވެ.

" އެގޮތަށް އެއްވެސް މުއައްސާސާއަކުން ނުއެއް އަންގާނެ. އެކަމު ޕްރެސް ބާއްވާ ގަޑީގައި ބައިވަރު އެހެން އިއްތިފާގުތައް ދިމާވިއްޔާ ޝައްކު." އަމީރަށް ޖަވާބުދެއްވަމުން އިހްސާން ކުރެއްވި ޕޯސްޓްގައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.

މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް