ރުފިޔާގެ އަގު ވެއްޓި، ޑޮލަރެއްގެ އަގު ހުރީ ކަޅުބާޒާރުގައި 20 ރުފިޔާއިން މަތީގަ އެވެ. އެ އަގުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.
އެމްއެމްއޭއިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މީގެ ކުރިން އެކި ފަހަރު މަތިން، ޚާއްސަކޮށް ކޮވިޑް19އާ ގުޅިގެން ފައިސާ ޗާޕުކުރުމުގެ ސަބަބުން ބާޒާރުގައި އިތުރަށް ދައުރުވަމުން އަންނަ ދިވެހި ރުފިޔާތައް ދައުރުވުން ހުއްޓުވަން އޯޕަން މާކެޓް އޮޕަރޭޝަން ފަށާފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން 3 ބިލިއަން ރުފިޔާ ދައުރުވުން މިހާތަނަށް ހުއްޓުވާފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައިވާ ފައިސާގެ އަދަދުކަމަށް ތަފާސްހިސާބުގައި ވެއެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވިކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އެކްސްޗޭންޖް ރޭޓަށް އޮތް ބާރު ކުޑަކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަނީ އެކްސްޗޭންޖް ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށް ކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު، އަދިވެސް ޑޮލަރުގެ އަގު ތިރިވާ މަންޒަރެއް ނުފެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;