ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭސީސީން އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އޭސީސީން އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ އޭސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން ފުލުހުންނަށް އެންގި އެންގުމަށް އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށް ފުލުހުން ބުނީ ހައިކޯޓުގަ އެވެ.
ހައި ކޯޓުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށާއި އަދި އޭސީސީން ކޯޓަށް މައްސަލަ ހުށަހެޅީ އޭގެ ފަހުން ކަމަށެވެ.
ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީ އޮފީހުން ކަމަށް ވާއިރު، ފުލުހުންގެ ޕްރޮމޯޝަންގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރުމުން، ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެކަން އެގޮތަށް ކުރި ސަބަބެއް ސާފުނުވާ ކަމަށެވެ.
އެ މައްސަލާގެ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.