އެ ބޭންކަށްް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަމަހުގެ 8 ވަނަދުވަހުއެވެ. އެ މުއްދަތު ހަމަވީ އޮގަސްޓް 22 ގައެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަށީގެންވާ އަދަދެއްގެ ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައި ނެތުމުގެ ސަބަބުން، ކުރީގެ އިއުލާން ބާތިލްކޮށް އަލުން ހުޅުވާލާކަމަށެވެ. އަދި މިފަހަރު ޓަރމްސް އޮފް ރިފަރަންސްއަށް ބަދަލުގެނެސްފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ ފަސް މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ބޭނުންވަނީ ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުންކަމަށެވެ. އަދި މި މަގާމުތަތަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް މަގާމުތަކެއްކަމަށްވެސް އެމްއެމްއޭއިން ކުރި އިއުލާންގައިވެއެވެ.
އަލަށް އުފެއްދި އެމްޑީން ހޯދާ ދާއިރާތައް
- މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
- ފައިނޭންޝަލް ސްޓެބިލިޓީ
- ބޭންކިންގ އޮޕަރޭޝަންސް
- ކޯޕޮރޭޓް ސަރވިސަސް
- ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް
މި މަގާމުތަކުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަދުވަހުގެ 13:00ގެ ކުރިން ހުށައެޅުމަށް މަރުކަޒީ ބޭންކުން ވަނީ ހުޅުވާލާފައެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ.