މިއީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރު އިންތިޒާމުކުރި ތިންވަނަ ރަސްމިއްޔާތެވެ.
ގާނޫނީ ފަންނަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭއްވުނު މި ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދުއެވެ. އަދި އެފަރާތްތަކުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލު ކޮށްދެއްވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް ހުސައިން ސިރާޖް އެވެ.
މި ރަސްމިއްޔާތުގައި ގާނޫނީ ދާއިރާއާ އަލަށް ގުޅުނު ފަރާތްތަކާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން، ގާނޫނީ ވަކީލުންގެ ޒިންމާއަކީ ބޮޑު ޒިންމާއެއްކަމަށާއި، ވަކީލަކު ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެނަމަ ބައެއްގެ ހައްގުތަކެއް ގެއްލި އަދި އިއާދަ ނުކުރެވޭވަރުގެ ގެއްލުންވެދާނެކަމަށާއި، އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މުހިއްމު އެއް ދައުރެއް އަދާކުރާ ފަރާތަކީ ވަކީލުން ކަމަށާއި، މައްސަލަތަކުގައި ރަނގަޅަށް ތައްޔާރުވެވަޑައިގެން ކޯޓަށް ވަޑައިގަތުމަކީ އިންސާފު ގާއިމުކުރުމަށް ވަކީލުންނަށް ވެދެއްވޭ ބޮޑު އެހީތެރިކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވި އެވެ.
ބާ ކައުންސިލުގެ ރައީސް ހުސެއިން ސިރާޖް ދެއްކެވި ވާހަކަފުޅުގައި، ގާނޫނީ ވަކީލުންގެ މަސައްކަތާއި، ސުލޫކާއި، އަދުލު އިންސާފަށާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމާއި، ކޮންޓިނުއިންގ އެޑިޔުކޭޝަން، ޕްރޮފެޝަނަލް ކޮލެބޮރޭޝަންގެ އިތުރުން މުޖުތަމައުގެ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވާހަކަފުޅު ދައްކަވާފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދެވި 8 ބޭފުޅުންނާއެކު މިހާތަނަށް ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން 407 މީހަކަށް ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވިފަ އެވެ.