ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށްކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށްކަމަށެވެ.
އަދި ރައީސްގެ މި އަމާޒަށް ވާޞިލްވުމަށް އެންމެހާ ދިވެހިން އަޒުމު ކަނޑައަޅައި މަސައްކަތްކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު އިތުރަށް ވިދާޅުވީ އެންމެހާ ދިވެހިން އެއްރޫޙެއްގައި އަތާއަތްގުޅައި މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅަންވީކަމަށާއި ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން ޢިބްރަތް ޙާޞިލްކޮށް، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅަން ޖެހޭކަމަށެވެ.
ވީޑިއޯ މެސެޖް ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ޤައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ވެސް އިލްތިމާސްކުރައްވަވާފަ އެވެ.