ads
ރޭ އެކްސިޑެންޓްވި ކާރު. ފޮޓޯ: ސޯޝަލް މީޑިއާ
"ދުވެލި މަޑު" ދުއްވުމަކަށް ގައުމު ބޭނުން ވެފައި..!
ހުޅުމާލެ 2 ގައި މިއަދު ހެނދުނު 6:50 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވަނީ ވެފަ އެވެ. ސައިކަލް ދުއްވަން އިން މީހާ އަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވެސް ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވި އެވެ. މި ދެ މައްސަލާގައި ހިމެނޭ ދެ ޑްރައިވަރުން ވެސް ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.
Advertisement

ރަނގަޅު ސިއްހަތެގައި ހުރި، އަދި އެހެން ކުއްޖަކާއި ވެސް އެކު ހުޅުމާލޭގައި އޮތް މެރެތަންއަކަށް ދިއުމަށް ނިކުތް އުމުރުން 23 އަހަރުގެ ޒުވާނާއަށް އަނބުރާ ގެއަށް ނާދެވޭނެކަން އޭނާ ހިތަށް ވެސް ނުގެންނާނެ އެވެ. ކޮންޓްރޯލްނުވި ބާރު ދުވެލީގައި ދުއްވާފައި އައި ސްޕޯޓްސް ކާރުގައި ޖެހި އޭނާގެ ހަޔާތް ނިމިގެންދާނެކަމާމެދު ފިކުރު ވެސް ކޮށް ނުލާ ހުއްޓާ ނިމިދިޔައީ އެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އުމުރުން 26 އަހަރުގެ އަހަރުގެ ޒުވާނަކު ކާރު ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަމަށްވެ އެވެ. ކޮންޓްރޯލް ނުވާވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރުން ޒުވާނާގެ ސައިކަލުގައި ޖެހި ހިނގި އެކްސިޑެންޓުގައި އޭނާ މަރުވީ އެވެ. މިއީ އެ ޒުވާނާގެ އާއިލާއަށް ތަހައްމަލް ކުރަން އުނދަގޫ އަދި ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެކެވެ. ބައެއްގެ އިހުމާލުން ގެއްލިގެން އެ ދިޔައީ ޒުވާނެއްގެ ފުރާނަ އެވެ.

މިއީ އާކަމެއް ނޫނެވެ. މިއީ ހުޅުމާލޭގައި އާންމުކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހުޅުމާލޭގައި މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި އެތަކެއް އެކްސިޑެންޓެއް ވެފައިވާއިރު، މިފަދަ އެކްސިޑެންޓްތަކުގައި އިހުމާލުވި ކަމުގެ ކުށުގައި މިހާރު ވެސް ގިނަ ޒުވާނުންތަކެއް ޖަލުގައި ދުވަސްތައް ގުނަމުން އެބަދެ އެވެ. ކޯޓުތަކުގައި މައްސަލަތައް ދަނީ ކުރިއަށެވެ. ބުނަން މިއުޅެނީ މިފަދަ އެކްސިޑެންޓް ތަކުގައި މާޔޫސްކަމާއި ހިތާމަ އޮތީ ހަމަ އެކަނި ވަކިވެގެންދާ މީހާގެ އާއިލާއަށް އެކަންޏެއް ވެސް ނޫނެވެ. މި ކުށުގައި އަދަބުލިބޭ މީހާގެ އާއިލާއަށްވެސް ހަމަ މިފަދައިން ހިތާމައާއި ހިތްދަތިކަން ލިބޭނެ އެވެ.



މިފަދަ އެތައް ހާދިސާއެއް މިހާރުވެސް ހިނގަމުން އަންނައިރު، މި ހުރިހާ ހާދިސާތަކުގެ ފަހަތުގައި ވެސް ވަނީ އެއް ކަމެކެވެ. އެއީ ސައިކަލަކަސް، ކާރަކަސް، ބާރު ސްޕީޑުގައި ދުއްވުމެވެ. ކާރަކަށް ނުވަތަ ސައިކަލަކަށް އަރައި ސްޕީޑަށް ފިތާ ބާރު ކުރަމުންދާއިރު ތިމާއަށް އެ ކޮންޓްރޯލް ކުރެވޭނެ ކަމަށް ހީކުރެވުނު ނަމަވެސް، ކަންތައް ވާނޭގޮތެއް، ވާނީ ކިހިނެއްކަމެއް އެ ދުއްވާ ބަޔަކަށް ނޭންގޭނެ އެވެ. ކުއްލިއަކަށް ކުރިމައްޗަށް ނުކުންނަ މީހަކުން ނުވަތަ ސައިކަލެއް، ނުވަތަ ކާރެއްގެ ކޮންޓްރޯލް ގެއްލި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ގާތްކަމެކެވެ.

ހުޅުމާލޭގައި މިފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި މިފަދަ އެތަކެއް ހާދިސާތަކެއް ހިނގާފައިވުމަކީ މިކަމާމެދު ކަމާއިބެހޭ ފަރާތްތަކުންވެސް އަދި އާންމު ފަރާތްތަކުންވެސް ވަރަށް ބޮޑަށް ވިސްނާ ފިކުރުކޮށްލަން ލަންޖެހިފައިވާ ކަމެވެ.

މާލެ އެކޭ އެއްގޮތަށް ހުޅުމާލެއަކީވެސް މިހާރު ކާރޫބާރޫ ބޮޑު ތަނަކަށް ވެފަވާއިރު، ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައްވެސް ގިނަ އެވެ. ހާއްސަކޮށް ޒުވާނުންނެވެ. މިފަދަ އެކްސިޑެންޓް ތަކުގައި މަރުވަނީ ވެސް ގިނައިން ޒުވާނުންނެވެ.

މި ފަހުން ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަކީ ބާރު ސްޕީޑްގައި ދުއްވުމުން ވެފައިވާ އެކްސިޑެންޓްތަކެވެ. މިކަމާ ކަމާ ބެހޭ ފަރާތަކުން ވިސްނަންވެއްޖެ އެވެ. އަދި ގަވާއިދު ތަންފީޒު ކުރުމުގައި ޒިންމާދާރުވާން ވެއްޖެ އެވެ. ދުވެލި މަޑު ކުރަން ވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަނަވަރީން ފެށިގެން މިހާތަނަށް މަގުމަތީ އެކްސިޑެންޓުގެ 1907 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެ އެވެ.

ތަނެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކިތެންމެ ހަރިކަށި އުސޫލުތަކަކާއި ގަވާއިދުތަކެއް ހަދާފައި ވީ ނަަމަވެސް، އެ އުސޫލުތަކާއި ގަވައިދުތަކަށް ތަބާ ނުވުމަކީ އެތަނެއްގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދުނުމަށް ތިބޭ ފުލުހުންގެ މައްސަލައަކަށް ނުވާނެ އެވެ. މިފަހަ ކަންކަމުގައި އެފަަދަ ފަރާތްތަކަށް އާންމުންގެ އެއްބާރުލުނުްވެސް ބޭނުންވާނެ އެވެ. އެއީ ހެދިފައި އޮންނަ ގަވާއިދުތައް އެތަނެއްގައި ތަންފީޒުކުރުމަށްޓަކައި އެވެ.

ޓްރެފިކް ފުލުހުން މަދުވުމާއި މަގުތައް އަނދިރުވުމަކީ ހަގީގަތުގައި ބަހަނާއެއް ނޫނެވެ. ބަހަނާއަކީ ސްޕީޑް ބާރުވުމެވެ. އެއީ ސައިކަލް ނުވަތަ ކާރު ދުއްވާ ކޮންމެ މީހެއްގެ ވެސް ޒިންމާގެ ދަށުގައި އޮންނަ ކަމެވެ. އެމީހަކަށް ކޮންޓްރޯލް ނުވާ މިންވަރަށް ބާރު ސްޕީޑުގައި ކާރު، ނުވަތަ ސައިކަލް ފަދަ ތަކެތި ނުދުއްވުމަކީ މިފަދަ އެކްސިޑެންޓް ތައް މަދުކުުމަށް އޮތް ހައްލަކަށް ވާނެ އެވެ.

މި ފަހުން ހިގާފައިވާ އެކްސިޑެންޓްތަކަކީ ބާރު ސްޕީޑްގައި ދުއްވުމުން ވެފައިވާ އެކްސިޑެންޓްތަކެވެ. މިކަމާ ކަމާ ބެހޭ ފަރާތަކުން ވިސްނަންވެއްޖެ އެވެ. އަދި ގަވާއިދު ތަންފީޒު ކުރުމުގައި ޒިންމާދާރުވާން ވެއްޖެ އެވެ. ދުވެލި މަޑު ކުރަން ވެއްޖެ އެވެ. މިއީ އަހަރެމެން އެންމެންގެވެސް އަދި އަހަރެމެންގެ ގައުމުވެސް އެދި ގޮވާގޮވުމެއްކަން ކަށަވަރެވެ. މިއަދު "ދުވެލި މަޑު" ދުއްވުމަކަށް ގައުމު އޮތީ ބޭނުން ވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް