ads
އައިޖީއެމްއެޗުގެ ބައެއް ނަރުހުން
ހއ. އަތޮޅު ސިއްހީ ދާއިރާއަށް 52 ދިވެހި ނަރުހުން ހޯދަނީ
ހއ. އަތޮޅުގެ ސިއްހީ ދާއިރާއަށް 52 ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
Advertisement

ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލަށާއި އަތޮޅުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމުލަ 51 ނަރުހުން ބޭނުންވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ނަރުހުން ހޯދަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އެއަތޮޅު 12 ސިއްހީމަރުކަޒަކަށެވެ. އެއީ

ހއ އަތޮޅު ހޮސްޕިޓަލަށް 13 ނަރުހުން
ބާރަށް ސިއްހީ މަރުކަޒަށް 6 ނަރުހުން
މުރައިދޫ ސިއްހީ މަރުކަޒަށް 2 ނަރުހުން
ތަކަންދޫ ސިއްހީ މަރުކަޒަށް 6 ނަރުހުން
ހޯރަފުށީ ސިއްހީ މަރުކަޒަށް 4 ނަރުހުން
ތުރާކުނު ސިއްހީ މަރުކަޒަށް ނަރުހެއް
އުލިގަމް ސިއްހީ މަރުކަޒަށް 2 ނަރުހުން
މޮޅަދޫ ސިއްހީ މަރުކަޒަށް 2 ނަރުހުން
ކެލާ ސިއްހީ މަރުކަޒަށް 8 ނަރުހުން
ވަށަފަރު ސިއްހީ މަރުކަޒަށް 3ނަރުހުން
ފިއްލަދޫ ސިއްހީ މަރުކަޒަށް 2 ނަރުހުން
މާރަންދޫ ސިއްހީ މަރުކަޒަށް ނަރުހެއް
އުތީމު ސިއްހީ މަރުކަޒަށް 2 ނަރުހުން

ހއ. އަތޮޅަށް ނަރުހުން ހޯދަން އިޢުލާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7 އަށެވެ. އެގޮތުން ޕަބްލިކް ސަރވިސް ރޭންކު 5 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހުންނަށެވެ. ރޭންކް 5 ގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11428 ރުފިޔާ އާއި 5333 ރުފިޔާގެ އެލަވަންސްގެ އިތުރުން ހާޒިރީ އިނާޔަތްވެސް 144 ރުފިޔާ ލިބިގެންދާނެ އެވެ.

އަދި ޕަބްލިކް ސަރވިސް ރޭންކު 7 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށެވެ. 

ރޭންކް 7 ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔާތުގެ ގޮތުގައި 165 ރުފިޔާ ލިބޭނެ އެވެ.

ނަރުސްކަމަށް އެދި ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ނުވަތަ ކުރިމަތިލާ ވަޒީފާއޮތް ސިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އެ ހޮސްޕިޓަލުގެ އީމެއިލް، [email protected] އަށް ފޮނުވުމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށް ވެސް އިއުލާނުގައިވެ އެވެ.

ނަރުސްކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 15 ސެޕްޓޭމްބަރ 2024 އާއި 31 އޮކްޓޫބަރ 2024 އާއި ދެމެދު ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައިކަމަށް އިއުލާނުގައި ވަނީ ބުނެފައި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް