ހުޅުމާލޭގައި ހަދާފައިވާ ވަރޓިކަލް މެކޭނިކަލް ޕާކިންގ ސިސްޓަމްތަކަކީ 2017 ވަނަ އަހަރު ގާއިމުކުރި ސިސްޓަމްތަކެކެވެ. މިފަދަ 7 ސިސްޓަމެއް ގާއިމުކޮށްފައި ހުރި ނަމަވެސް މިހާތަނަށް އައިއިރުވެސް މިއިން އެއްވެސް ތަނެއް ބޭނުންކޮށްފައެއްނުވެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ރެކްތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ޕާކިން ރެކުތައް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުމާލެ 2 އިން އެ މިނިސްޓްރީ އަށް ލިބިފައިވާ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.
މި ސިސްޓަމްތައް ހާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. ސިނަމާލެ ބްރިޖާއި، ހުޅުމާލޭގައި ކުރިއަށްގެންދާ ގިނަ ހައުސިންގ މަޝްރޫއުތަކާއެކު، ހުޅުމާލޭގެ އާބާދީ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު ހުޅުމާލެގައިވެސް ޕާކިން މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެޗްޑީސީން ވަނީ 4،000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންގްތަކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ.