ads
ހިރިމަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފައި - ފޮޓޯ: ޒުވާން މަސްވެރިޔާ
ހިރިމަރަދޫ މީހުން ރަށްދޫކޮށްލުމުގެ ވިސްނުން: ރަނގަޅު ނިންމުމެއްބާ!؟
ހިރިމަރަދޫ އަކީ ހދ.އަތޮޅުގައި މީހުން އާބާދުވެފައިވާ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. 1050 މީޓަރުގެ ދިނުމިނުގައި އަދި 560 މީޓަރު ފުޅާމިން ހުންނަ މިރަށުގެ އާބާދީގައި 500 އަށްވުރެ ގިނަ މީހުން އުޅެއެވެ.
Advertisement

ވެރިރަށް މާލެއާއި 286.42 މިލޯމީޓަރު ދުރުގައި އޮންނަ ހިރިމަރަދޫޫގައި 500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އޭގެ ތެރެއިން މިވަގުގު ރަށުގައި ދިރިއުޅެނީ އެންމެ 300 އެއްހާ މީހުންނެވެ.

އާބާދީގެ ބޮޑުބައެއް ކުޅުދުއްފުށީގައި ވަޒަންވެރިވެ ދިރިއުޅެމުން އަންނައިރު، އަނެއް ބަޔަކު ވަޒަންވެރިވެ ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އާބާދީގެ ބޮޑުބައެއް އަމިއްލަ ރަށް ދޫކޮށް ދާން ޖެހިފައި މިވަނީ އެމީހުންނަށް ބޭނުންވާ އަސާސީ ހިދުމަތް ތައް އެންމެ އެކަަށީގެންވާ ގޮތުގައި ލިބެމުން ނުދާތީއެވެ.

ހިރިމަރަދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، މިވަގުތު އެ ރަށުގައި ދިރިއުޅެމުން އަންނަނީ 200 އެއްހާ މީހުން ކަމަށެވެ. އެކަށީގެންވާ ތައުލީމާއި ސިއްހީ ހިދުމަތް ރަނގަޅަށް ލިބެން ނެތް އިރު، ހިރިމަރަދޫ މީހުން ބުނީ މިހާރު އެ ރަށުގައި އުޅެވެން ނެތް ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް ހުރިހާ ވަސީލަތްތަކެއްވެސް އޮތް ފަސްގަނޑަކަށް ބަދަލުވުމަށް ކަމަށެވެ.

"ސީއެންއެމް" އާއި ވާހަކަ ދެއްކި ހިރިމަރަދޫން އިތުރު މީހަކު ކިޔައިދިން ގޮތުގައި ރަށުގެ ސްކޫލުގައި މިވަގުތު ތައުލީމު ހާސިލް ކުރަމުން ގެންދަނީ މުޅި އެކު 40 ކުދިންނެވެ. ރަނގަޅު ފެންވަރުގެ ޓީޗަރުން ނެތުމުން ރަށުގެ ތައުލީމީ ހަޔާތްވެސް ވަނީ އަނދިރިކަމެއްގެ ތެރޭގަ އެވެ. އަދި ސިއްހީ ނިޒާމުގެ ކަންްކަން ވެސް އެހާމެ ދޯދިޔާކަމަށެވެ.

ހިރިމަރަދޫ ގައި ހުންނަނީ ކުޑަވަރެއްގެ ސިއްހީމަރުކަޒެކެވެ. އެތަނުގައި ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ވެސް ނުތިބޭކަމަށް އެރަށު ރައްޔިތުން ބުނެ އެވެ. ރަށުންގެ ރައްޔިތުން ބުނާ ގޮތުގައި އެމީހުން ރަށް ދޫކޮށް އެހެން ރަށަކަށް ދާން އެދުނީވެސް މިފަދަ ސަބަބުތަކާއި ހުރެއެވެ.

"ރަނގަޅު ފެންވަރުންގެ ޑޮކްޓަރުންނާއި ނަރުހުންނެއްވެސް ނުތިބޭ. ކިރިޔާ ކަމެއް ވާއިރަށް ލޯޗެއް ކުއްޔަން ހިފައިގެން ނުވަތަ އެހެން ގޮތެއް ހޯދައިގެންވެސް ދާން މިޖެހެނީ ކަނޑެއް ހުރަސްކޮށްފަ ކުޅުދުއްފުށްޓަށް. މިވަރުން ކިހިނެއްތޯ މި ރަށުގައި ދިރިއުޅެނީ." ހިރިމަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިރިމަރަދޫ ރައްޔިތުން އަމިއްލަ އުފަން ފަސްގަނޑު ދޫކޮށް އެހެން ރަށަކަށް ދާން ނިންމުމަށް ކުރެވުނު ސާވޭ ފަށާފައިވަނީ މިއަހަރުގެ ޖުލައިމަަހުގެ 22 ވަނަ ދުވަހުގަ އެވެ. ރަށުން ފޭބުމަށް ރަށު ރައްޔިތުންގެ ހިޔާލް ހޯދުމަށް އެރަށު ކައުންސިލުން ހިންގި ސާވޭ ގެ ނަތީޖާ ދެއްކި ގޮތުން ހިރިމަރަދޫގެ 98 އިންސައްތަ މީހުން ބޭނުންވަނީ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މި ނިންމުމާއި އެކު، ހިރިމަރަދޫ ކައުންސިލުން ވަނީ މިކަމާ މަސްވަރާކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ސަރީފް އުމަރާއި ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ހިރިމަރަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅު ތައުލީމީ ނިޒާމަކާއި ސިއްހީ ނިޒާމެއް ނެތް ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ބިން ބޮޑު، ދިރިއުޅެން "ފަހި" ރަށަކަށް ބަދަލުކޮށްދިނުމަށް ވަނީ ސަރުކާރުގައި އެދިފަ އެވެ.

your imageހިރިމަރަދޫގެ ހޮޅުއަށްޓެއްގައި މީހަކު އިށީނދެލައިގެން: އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފައި - ފޮޓޯ: ލޫކަސް 

އެގޮތުން ހުރިހާ ވަސީލަތްތަކެއްވެސް އެންމެ ފުރިހަމައަށް ލިބޭ (ތައުލީމާއި ސިއްހީ ހިދުމަތް) އޮތް ރަސަކަށް ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ. މި ބައްދަލުވުމަށް ފަހު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން، މިހާރު ދިރިއުޅެމުން ގެންދާ ރަށް ނޫން އެހެން ރަށަކަށް ދަބަލުވުމަށް ކަމަށާއި، އެ ރަށުގެ މީހުން ބަދަ؛ލުވާން ބޭނުންވަނީ މާލެ އަތޮޅު ތުލުސްދުއަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާކަމަށެވެ. 

"އެއްވެސް މީހަކު ބޭނުމެއް ނުވާނެދޯ އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް ދާކަށް. އަމިއްލަ ފަސްގަނޑުދެކެ ލޯބިވާނެތާ ހަމަ ކޮންމެ މީހަކުވެސް. އަހަރެމެން އަމިއްލަ ރަށް ދޫކޮށް ދާން ބޭނުންވަނީ ރަށް ދެކެ ލޯބިނުވާތީއެއް ނޫން. އަހަރެމެންގެ ދަރިންގެ މުސްތަގުބަލަށްޓަކާ. އެކުދިންނަށް ރަނގަޅު ތައުލީމެއް ދޭން ބޭނުންވާތީ. ރަނގަޅު ސިއްސީ ހިދުމަތެއް ލިބެން ބޭނުންވާތީ." ސީއެންއެމް އަށް މައުލޫމާތު ދިން ހިރިމަރަދޫ ރައްޔިތަކު ކިޔައިދިނެވެ.

މިއީވެސް ހިރިމަރަދޫއަށް އުފަސް ރައްޔިތެއްގެ ސުއޫރެކެވެ. އޭނާ ބުނިގޮތުން ހިރިމަރަދޫގައި މިވަގުތު ރަށުން ފައިބަން ބޭނުންނުވާ، ތިބީ މަދު މީސްކޮޅެއް ކަމަށާއި، ރަށުގެ އާބާދީގެ ބޮޑުބައެއް ބޭނުންވަނީ މާލެއާއި ކައިރި، ރަށަކަށް ބަލުވާށެވެ. 

"އަހަރެމެން ބޭނުން ވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ރަށަކަށް ދާން. އެހެން ނަމަވެސް އެކަން ކުރާނީ އަހަރެމެން ވެސް ބޭނުން ވާ ގޮތަށް ކަންތައް ވާނަމަ. އެނޫން ގޮތަކަށް ރަށުން ފައިބާކަށް ބޭނުންމެއް ނޫން". ހިރިމަރަދޫން ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.

ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެއީ ހިރިމަރަދޫ ރައްޔިތުންނާއި މަޝްވަރާކޮށް ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަަދަލުވާން ބޭނުން ވަނީ ރަށުގެ އާބާދީ މަދުވުމާއި، ތައުލީމާއި ސިއްހީ ނިޒާމް އެންމެ އެކަށިގެންވާވަރަށް ނެތުމާއި އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެހެން ރަށްރަށަށް ހިޖުރަކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. 

"މާލޭ އަތޮޅުތޮޅުގެ ސަރަހައްދަކަށް ބެލިއިރު ލިބޭނެ އެންމެ ރަނގަޅު ލޮކޭޝަނެއްގެ ގޮތުގައި، އެންމެ ރަނގަޅު ހިދުމަތެއް ލިބޭނެ ސަރަހައްދަކަށް، ވަޒީރުގެ ވާހަކަ ފުޅުންވެސް ތުލުސްދޫ މާލެ އަތޮޅަށް ބަލަންޏާ ކުށަށް ބަލާއިރުގައިވެސް ކުށް މަދު ރަށަކަށް އޮތީ އެރަށް، މާލެ ރަށުގެ ވެރިކަން ކުރާ ރަށަށް ހިރިމަރަދޫ ފަދަ އާބާދި ކުޑަ ރަށެއްގެ ރައްޔިތުން ބަދަލުވެގެން ދިޔުމަކީ ލިބިގެންދާ ވަަރަށް ބޮޑު ކުރިއެރުމެއް" ހިރިމަރަދޫ ކައުންސިލް ރައީސް ވަހީދު ވިދާޅުވި އެވެ.

ކޮންމެ އަކަސް ހިރިމަރަދޫ ރައްޔިތުން ތިބީ އަމިއްލަ ފަސްގަނޑު ދޫކޮށް ދާން ތައްޔާރަށެވެ. އެހެން ނަމަވެސް އެއީ ސަރުތުތަކަކާއި ވެސް އެކުގައެވެ. އެ ސަރުތުތަކަކީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ރަށަކަށް ރަށް ވުމާއި، މަދުވެގެން ތިން ކޮޓަރި. ބަދިގެ، ސިޓިންގް ރޫމް، ހިމެނޭހެން ރަނގަޅު ފެންވަރުގައި ހަދާފައިވާ ގެއަކަށް ވުމެވެ. އެއީ މީގެ ކުރިން ރައީސް ޔާމީންގެ ޒައާމަތުގައި އެއްފަސްކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔަ އުސޫލުންނެވެ.

މާލެ އަތޮޅު ތުލުސްދޫ އަކީ ހިރިމަރަދޫ ރައްޔިތުންނަށް އެންމެ ރަނގަޅު ޗޮއިސްތަ؟

1682 މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ ތުލުސްދޫއަކީ އިގްތިސާދީގޮތުން ފޯރުންތެރި ރަށެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް އެރަށުގެ ތައުލީމާއި ސިއްހީ ނިޒާމް އެހާ ރަނގަޅު ނޫންކަމަށްވެ އެވެ. ތުލުސްދޫ ސްކޫލުގައި އޯލެވެލް ހެދުނު ނަމަވެސް އޭލެވެލް ފެންވަރަށް ކިޔެވޭކަށް އަދި ނެތެވެ. ސިއްހީ ހިދުމަތަށް ހުރީ އާއްމު ސިއްހީ މަރުކަޒެކެވެ.

ތުލުސްދޫ ކައުންސިލް ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ބަޔަކަު ތުލުސްދުއަށް އަޔަސް އެކަމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާނެކަމަށެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ފަރާތްތަކަށް ވަކިން ހާއްސަކޮށެވެ.

"އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގެ ބަޔަކު ތުލުސްދޫއަށް އަޔަސް އަހަރެމެން މިތިބީ މަރްހަބާކިޔަން ތައްޔާރަށް." ތުލުސްތޫ ކައުންސިލް ރައީސް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލް ރައީސް ވިދާޅުވީ ހިިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކުރުމަށް ކުރަން ޖެހޭ ކަނަކަން މިހާރު ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ މަސައްކަތް ވަރަށް ބާރު ސްޕިޑުގައި އެބަދާކަމަށެވެ.

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ހިރިމަރަދޫ މީހުން ކ. އަތޮޅުގެ މީހުންގެ އުޅޭ ރަށްރަށަށް ބަލާއިރު ދިރިއުޅޭ މީހުންގެ އާބާދީގެ ހަތަރު ވަނައިގައި އޮތް ތުލުސްދު އަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީ ސިފައެއްގައި ބަސް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ރާއްޖެ ތަރައްގީކުރުމުގެ 20 އަހަރުގެ މާސްޓަޕްލޭނާ އެއްގޮތަށް ސަރަހައްދީ ތަރައްގީ ގެނައުމުން، އާބާދީ މަދު ރަށްތަކުގެ ރައްޔިތުން އަމިއްލަ އިހްތިޔާރުގައި ވަސީލަތްތައް ގިނަ، ތަރައްގީ ސަރަހައްދުތަކަށް ހިޖުރަކުރަން ފަށާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަހަރު ކުރީ ކޮޅު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ތަރައްގީކޮށްފައިވާ ވަކި ސަރަހައްދުތަކަށް ކުދި ރަށްތަކުން ބަދަލުވުމަކީ އާމްދަނީގެ ގޮތުން ދެމެހެއްޓެނިވި ހައްލެއް އަންނާނެ ކަމެއް ކަމަށެވެ. ދުރު ރާސްތާއަށް ބަލާއިރު ވެސް ތައުލީމީ ގޮތުންނާއި ސިއްހީ ގޮތުން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިގޮތަށް ޖިއޮގްރަފީ ބެހިފައި އޮތް ރަށްތަކެއް އޮތް ގައުމަކަށް ދުރު ރާސްތާގައި ތަރައްގީވާނީ އަޅުގަނޑުމެން ވިސްނުމުގައި އެ ގޮތުގައި ކޮށްފިއްޔާ. އެހެންވީމަ ހުރިހާ ރަށަކަށް ވެސް ބޭނުންވާ ކަމެއް ކޮށްދެއްވާނަމޭ. އެކަން ކޮށްދެމުން ވެސް ސަރަހައްދުތަކެއް ތަރައްގީކުރާނަމޭ،" ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަައް ތަަރައްގީކުރުމަކީ 20 އަހަރުގެ މާސްޓާ ޕްލޭނުގައި ހިމެނޭ ކަމެކެވެ. އެހެންވެ، މިހާރުން މިހާރަށް ގެންނަ ހައްލުތަކާ އެކު ދުރު ރާސްތާއަށް އޮތް ހައްލު ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މަދުވެގެން ބައި ލައްކަ މީހުންގެ އާބާދީއެއް އޮންނަ ގޮތަށް އަތޮޅު ތެރޭގައި އާބަން ރީޖަންތަކެއް ކަނޑައެޅުމަށްޓަކައި އެކަމާ ގުޅޭ ތަފްސީލީ ދިރާސާއެއް ކުރަން ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން މި އަހަރު ޖެނުއަރީ މަހު ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުން 21 ޖެނުއަރީ 2024 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ އާބަން ސެންޓަރުތަކާއި އާބަން ރީޖަންތައް ތަރައްގީ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ މީހަކު ދިރިއުޅޭ ރަށަކުން އެހެން ތަނަކަށް ހިޖުރަ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދައިގެން، އާބަން ރީޖަންތައް ކަނޑައެޅުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން ތަފްސީލީ ދިރާސާއެއް ކުރަން ވަނީ ނިންމާފަ އެވެ.

"އެގޮތުން، ރާއްޖޭގެ އާބަން ޑިވެލޮޕްމަންޓް ރީޖަންގެ ގޮތުގައި ތަރައްގީ ކުރެވޭނެ ސަރަހައްދުތައް ފާހަގަކޮށް، އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް މި ދެންނެވި ސްޓަޑީގެ ތެރެއިން ފާހަގަކުރާ ގޮތަށް ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އާބަން ރީޖަންތައް އުފެދި، ބިނާވެގެން އަންނާނީ އަތޮޅުތެރޭގައި ތަރައްގީ ކުރެވޭ އާބަން ސެންޓަރުތަކުގެ މައްޗަށެވެ.

އާބަން ރީޖަންތަކުގެ ކަނޑައެޅޭނީ، ނާޒިމް ވިދާޅުވި ގޮތުގައި އެ ސަރަހައްދެއްގައި ހިމެނޭ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އާބާދީ 50،000 އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި 2033 ވަނަ އަހަރާ ހަމައަށް އެ އާބަން ރީޖަނެއްގެ އާބާދީ އެއް ލައްކަ އާ ހަމައަށް އިތުރުކުރަން ސިޔާސަތުތަކެއް އެކަށައެޅުމަށް ކެބިނެޓުން މިއަދު ނިންމާފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.

މި ސިޔާސަތުތައް އެކުލެވިގެންދާއިރު، ނާޒިމް ވިދާޅުވި ގޮތުގައި އެ އާބަން ރީޖަނަކުން ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ އިހުތިސޯދީ ނަފާ އިތުރުކުރެވޭނެ ގޮތްތައް ވެސް ހިމެނޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް