ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް މަވޯޓާއަށް ހަމަލާދިނުމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފައިވެ އެވެ. މަވޯޓާއަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުން އަދި 23 އަހަރުގެ ފިރިހެނެއް ކަން އެ މީހުންގެ ބަންދު އަމުރު ރިޕޯޓްތަކުން އެނގެ އެވެ.
މިކަމާ ގުޅިގެން ޝަރީފް ވިދާޅުވި ގޮތުގައި، އެ ހަމަލާ ދިނީ ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށެވެ. އަދި އެކަން ކުރީ ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކަމަށް އޭނާ އޭރު ތުހުމަތު ކުރެއްވި އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހެއްގެ މައްސަލަ ނިމުނުއިރު، އޭނާއަށް އައީ އެންމެ 2400 ރުފިޔާގެ ޖޫރިމަނާއެކެވެ. އެކަމަކު އެއީ ދައުލަތާއެކު އޭނާ ހެދި އިއުތިރާފުގެ އެއްބަސްވުމަކުންނެވެ.
ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކުރި ކަމެއްކަމަށް ޝަރީފު ތުހުމަތު ކުރެއްވި ނަމަވެސް ބަންދު ކުރި ހަތަރު މީހުންގެ ތެރޭގައި ޕީޕީއެމް އަދި ޕީއެންސީގެ މީހަކު ނުހިމެނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. އަނެއް ތިން މީހުން ނިސްވަތްވަނީ އެމްޑީޕީ، އެމްއެންޕީ އަދި ޖޭޕީއަށް ކަމަށް އިލެކްޝަންސްގެ ދަފްތަރުން ދައްކަ އެވެ.
ޝަރީފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު 60 ދުވަހަށް ބަންދުކޮށްފައިވާއިރު، އަނެއް ދެ މީހުން ބަންދުކޮށްފައިވަނީ 30 ދުވަހަށެވެ. މި އެންމެންގެ މައްޗަށްވެސް ފުލުހުން ކުރާ ތުހުމަތަކީ މާރާމާތީ ހިންގުމާ، ބިރު ދެއްކުމާއި އިންޒާރު ދިނުމެވެ. އެކަމަކު އޭގެ ތެރެއިން ކުށް ސާބިތުވެ ހުކުމް އިއްވި މީހާގެ މައްޗަށް އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާނެފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ.
ބަންދު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކީ، މީގެ ކުރިން އެއްވެސް މައްސަލައެއްގައި ބަންދުކޮށްފައިވާ މީހެއް ނޫނެވެ. އަނެއް ދެ މީހުންގެ ބަންދު ރިކޯޑް އޮތް ގޮތެއް ނޭނގޭއިރު، އެކަކީ މީގެ ކުރިންވެސް އެ ފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.
ގުރޫޕަކުން ޝަރީފަށް ހަމަލާދިނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިންނެވެ. އެ ހަމަލާ އާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ އަނިޔާ ލިބިފަ އެވެ.