މި މައްސަލާއި ގުޅިގެން ފެނަކަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްސަނަށް މަގުފަހިވާ ގޮތަށް އަވަސް އަރުވާލައިގެން ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދިކަމަށް ބުނެ ފަތުރަމުން ދަނީ މުޅިން ދޮގު ހަބަރެއްކަމަށާއި އެއީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކުންފުނީގެ މެނޭޖްމަންޓާއި މެދު ވަކި ތަސައްވުރެއް އުފެއްދުމަށް ޓަކައި ފަތުރަމުން ދާ ހަގީގަތާއި ހިލާފު ހަބަރެއްކަމަށެވެ.
އާ މެނޭޖްމަންޓުން ފެނަކައާއި ހަވާލުވިއިރު، ކުންފުނިން ދެމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ދައްކޮށް ކަމަށާއި އަދި ފެނަކަ ކުންފުނިން ފެނުގެ ހިދުމަތް ފޯރުކޮށް ދެމުން ދާ ރަށްތަކުގެ ތެރެއިން ކްރިޓިކަލް ހާލަތުގައި ހަތް ރަށެއް އޮތްކަމަށާއި ހިދުމަތް ދޭއިރު، އެ ރަށްތަކަށް އިސްކަން ދޭނޭ ކަމަށް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ކްރިޓިކަލް ހާލަތުގައި އޮތް ހަތް ރަށުގެ ތެރެއިން އެންމެ ބޮޑުވަރު ވެފައިވަނީ ތިނަދޫ ސިޓީއަށް ކަމަށާއި އަދި އެ ސިޓީގައި ހިދުމަތް ދެމުންދާ ފެން ޕްލާންޓުން އެކަނި ހިދުމަތް ދޭން ޖެހުމުގެ ސަބަބުން ހިދުމަތް މެދު ކެނޑި ފާއިތުވި ދެ މަސް ތެރޭ ތިން ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހިފައިވާކަމަށް ބަޔާނުގައި ވެއެވެ.
އެގޮތަށް އަމިއްލަ ފަރާތަކުން ފެން ހޯދާއިރު، ކުންފުނިން އެތައް ގުނަ ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން ފާއިތުވި ދެ މަސް ތެރޭގައި ތިނަދޫ ސިޓީއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނުކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ. އަދި މިގޮތަށް ބުރޫއަރާ ކޮންމެ ފަހަރަކު ރަށުގެ ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކެއް އުފުންލަން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފެނަަކައިން ނެރުނު ބަޔާނުގައި ވާގޮތުން އެ ކުންފުނިން އެ ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވާނީ ފެނަަކަ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަ ވެގެން ކަމަށާއި އަދި އެ ފެން ޕްލާންތް އިންސްޓޯލް ކުރެވޭނީ އޭގައި ހިމެނެން ޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަ ވެގެންކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
އަދި އާ ފެން ޕްލާންޓް އިންސްޓޯލް ކުރެވުމުން ދިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނޭ ކަމަށް ވެސް ފެނަކް ކުންފުނިން ބުނެ އެވެ.