ސަރުކާރުން ކުރިން ވެސް ނިންމާފައި އޮތީ ގަސްބޯވެފައިވާ ބާޖަމާލުއްދީނު ސަރަހައްދު، ގޮނޑުކަން ފިލުވާލާ ވަގުތީ ގޮތުން ބޭނުން ކުރެވޭނެ ސަރަހައްދެއްގެ ގޮތުގައި އެތަން އާންމުންނަށް ހުޅުވާލުމަށެވެ.
އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން މައްޗަންގޮޅީ މެދު ދާއިރާ މަޖްލިސް މެންބަރު އަހުމަދު ޟަމީރު ވަނީ ރައްޔިތުންގެ ހުށަހެޅުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުރީގެ ބާޖަމާލުއްދީން ސްކޫލް ހިންގި ބިން ސީދާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން މިހާރު ވަނީ ތަރައްގީ ކުރަން ފަށައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ސާފުކުރުމަށް ފިޑޯ ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެން ކުރިއަށްގެންދެވުމަށް ނިންމަވާފަ އެވެ، ހުރިހާ އުމުރުފުރާއަކަށް ބޭނުންކުރެވޭނެހެން އެ ސަރަހައްދުގައި ވަގުތީ ވޮލީ ކޯޓަކާއި ބާސްކެޓް ކޯޓާއި ބާބަކިއު އޭރިއާއެއް ހެދުމަށް ވަނީ ދާއިރާގެ ދިރިއުޅޭ ފަރާތް ތަކުން ސިޓީ ކައުންސިލަށް މަޝްވަރާ ދީފަ އެވެ.
އެ ސަރަހައްދު ތަރައްގީވެ ނިމުމުން މައްޗަންގޯޅި ދާއިރާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އާބާދީ ބޮޑު އެ ސަރަހައްދުގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅުވެ، އާއިލާއާއެކު ގެއިން ބޭރުގައި ވެސް ވަގުތު ހޭދަކޮށްލާ، ކުޑަކުދިންނާއިއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ އެވެ.
މައްޗަންގޮޅީ މެދު ދާއިރާ މަޖްލިސް މެންބަރު އަހުމަދު ޟަމީރު ވިދާޅުވީ، ބާސްކެޓްބޯޅަ އަދި ވޮލީ ކޯޓެއް މި ސަރަހައްދުގައި ހުރުމުން ޒުވާނުންނަށް ޖިސްމާނީގޮތުން ހަރަކާތްތެރިކަމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި އެއީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އަދި އިޖުތިމާއީ ގޮތުން ޒުވާނުން ބައިވެރިވުން އިތުރުވެެގެންދާނެކަމަށް ޟަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ބާބަކިއު އޭރިއާގައި އާއިލާތަކާއި ރައްޓެހިން އެއްވެ އުޅެވޭނެ ކޮމިއުނަލް ސްޕޭސްއެއް ހުރުމުން އަވަށްޓެރިންގެ ތެރޭގައި އިޖުތިމާއީ ގުޅުންތައް ބަދަހިވެގެންދާނެކަން ޟަމީރު ފާހަގަ ކުރެއްވި އެވެ.
އަދި މި ތަރައްގީގެ ސަބަބުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި ސަރަހައްދަށް ވަދެވޭ ގޮތް ވެގެންދާއިރު، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުންނަށްވެސް ރައްކާތެރި އަދި އުފާވެރި މާހައުލެއް ލިބިގެން ދާނެކަން ޟަމީރު ފާހަގަކުރެއްވި އެވެ.
މި މަސައްކަތަށް ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޟަމީރު ދެއްވި އަވަސް ޖަވާބަށް ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އިތުރު މީހަކު ބުނީ މި ސަރަހައްދު ތަރައްގީވެގެން ދިއުމުން ކުދިންނަށް ކުޅެން ރައްކާތެރި ތަނެއް ލިބިގެން ދާނެކަމަށެވެ. ނަތީޖާއަކީ މުޅި ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ދިރިއުޅޭ ހުރިހާ އުމުރުފުރައަކަށް މިކަމުން ކުރާ ފައިދާ ބޮޑު ވުމެވެ.