ads
ފޮޓޯ: އިމިގްރޭޝަން
މާލެ އާއި އަތޮޅުތަކުގައި ބިދޭސީންގެ ވިޔަފާރީގެ ބޮޑެތި ނެޓްވޯކުތައް!
އިގްތިސާދީގޮތުން ދިވެހިރާއްޖެ މިވަނީ ނާމާން އަދިރި މިސްރާބަކަށް ދަތުރުފަށާފަ އެވެ. އިގްތިސާދީގޮތުން ވެއްޓެން މިދާ އަނދިރި ވަޅުގަނޑުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ވެސް އިސް ވާޖިބަކަށް މިވަނީ ވެފަ އެވެ.
Advertisement

އިގްތިސާދީ ބޮޑު ކާރިސާއަކާއި ދިމާއަށް ގައުމު މިސްރާބުޖަހާފައިވާއިރު، ލަސްނުކޮށް މި ކާރިސާއިން ގައުމު ސަލާމަތް ކުރުމަށް މިވަގުތަކީ އެންމެ މުނާސަބުވަގުތެވެ. އިގްތިސާދުގައި ހުރި ބޮޑެތި ލޯވަޅުތައް ބަންދުކޮށް ގައުމު ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ މިއީ އެންމެ މުހިންމު ވަގުތެވެ. ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވައި އެފައިސާ ދިވެހި އިގްތިސާދުގައި މަޑު ޖެއްސުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ. 

ބިދޭސީން ރާއްޖެއަށް އެތެރެ ވަނީ ލޭބަރުންގެ ގޮތުގައި، މަސައްކަތް ކުރުމަށެވެ. އެމީހުން މަސައްކަތް ކުރަނީ ހަމައެކަނި މަގުތަކުގައި ގާ އެތުރުމަށާއި ކޮންސްޓަރަކްޝަން ސައިޓުތަކުގައި ކުރާ ބުރަ މަސައްކަތްތަކުގައި ކަމަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް މިއަދު މި މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. 

ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ބިދޭސީން މިހާރުވަނީ ހުރިހާ ދިމާއެއްގައިވެސް ވަރުގަދައަށްް ވަކި ހިއްޕާލާފަ އެވެ. ކެއްކިއަސް، ފެހިއަސް، ބޯ ކޮށިއަސް، ރީޓެއިލް ވިޔަފާރި ކުރިއަސް، ފިހާރައެއްގެ ސޭޓަކަށް  ބިދޭސީންނެވެ. ރާއްޖޭގައި އިގްތިސާދުގައި މައިގަނޑު ދައުރު އަދާކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ބެއްޔަސް މުގުލުން މިހާރު ފެންނަނީ ބިދޭސީންނެވެ. ގެސްޓް ހައުސް ވިޔަފާރިއާއި، އެހެނިހެން ބޮޑެތި ވިޔަފާރިތަކުގައިވެސް ބިދޭސީންނެވެ. ދިވެހިންގެ އަތުން ހުރިހާ ކަމެއް ބީވެގެން ގޮސް ބިދޭސީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށް އަތް އުރާލައިގެން މިވާހަކަ މިގޮތަށް ދައްކަދައްކައި ދެން ހަމަ ތިބެންވީ ހެއްޔެވެ.؟

މާލެ އާއި ހުޅުމާލެ ކިޔާނެކަމެއް ނެތެވެ. މުޅި ރާއްޖެ ހިމެނޭހެން ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް ބިދޭސީންގެ ހިއްސާއެއް ނުވާ ވިޔަފާރިއެއް މި ގަމުގައި ނެތެވެ. ރާއްޖޭގެ ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ.

ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ފާލުން ނެއްޓިފައިވާއިރު، މި ވާހަކަތަކަކީ އެންމެނަށް އެނގޭ އެކަމަކު ނުހުއްޓުވި އޮތް ބޮޑު ފެއިލްވުމެކެވެ. އަބަދުވެސް ބިދޭސީން ވިޔަފާރިކޮށް ދިވެހިންނަށް އޮތް ފުރުސަތު ގެއްލުވާލާ ވާހަކައާ ހިސާބުން ސަރުކާރުން ދައްކަނީ ގާނޫނެއްގެ ވާހަކަ ނުވަތަ ކޮންމެވެސް ސިސްޓަމެއް ނެތް ވާހަކައެކެވެ. ބިދޭސީން ރާއްޖެ އެތެރެކޮށް އެކަމުން މަންފާ ހޯދާ ބަޔަކު އުޅޭކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ.

ރާއްޖޭގައި 20،000ށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ވާއިރު، މީގެ އަޑީގައި ބިދޭސީން އުޅެނީ ކިތައް ވިޔަފާރީގައިތޯ ވެސް ހޯދިފައެއް ނެތެވެ. އަޑީގައި ފިލާތިބެ، ބިދޭސީން މިފަދައިން ހިންގާ ވިޔަފާރިތަކަކީ ވިޔަފާރި ކުރުމުގެ އެއްވެސް ހުއްދައެއް ނެތި ހިންގާ ތަންތަނެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ކުރާ މި މަސައްކަތްތައް ބަލައިގަންނަ ބަޔަކު ވެސް ތިބޭއިރު، އެމީހުންގެ އުފެއްދުންތައް ގަނެ ވިއްކާ ހެދުމަކީ ވިޔަފާރިކުރާ ބިދޭސީންނަށް ލިބޭ ހިތްވަރެކެވެ. އެމީހުންނަށް ލިބޭ ކުރިއެރުމެކެވެ. ސަބަބަކަށް ވެގެން ދަނީ މިފަދަ ބިދޭސީންގެ ނެޓްވޯކް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރުގަދަ ވުމެވެ. އެމީހުން ތިބެނީ ފިހާރަތައް ހިންގަން ތިބޭ ބިދޭސީ ސޭޓުންނާއި ޑީލް ހަދައިގެންނެވެ.

މާލޭގައި ރެފްރިޖެރޭސަން އަދި ކޮންސްޓަކްސަން މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަން އިބްރާހިމް އާދަމް ބުނީ ބިދޭސީންގެ ވަގު ވިޔަފާރިތައް މާލެއާއި ހުޅުމާލޭގައި ގިނަ އަދަދަކަށް އަދިވެސް އެބަ އޮތް ކަމަށާއި އެކަން ހުއްޓުމަކަށް އަދިވެސް ނާންނަ ކަމަށެވެ. ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކަށް ނަޒަރު ހިންގާލިޔަސް އެކަން ވަރަށް ސާފުވާނޭ ކަމަށް އޭނާ ބުންޏެވެ.

އިބްރާހިމް ބުނީ. ބިދޭސީން ރާއްޖޭގަައި ހިންގަމުން އަންނަ ވިޔަފާރީގެ ނެޓްވޯކްތަކަކީ ދިވެހިންގެ ތެރެއިން މަތީ ފަންތީގެ ބަޔަކު އަޑީގައި ތިބެގެން ކުރުވާކަންތައް ކަމަށާއި، އެކަން ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކަށް ސިއްރުވެ، ވަންހަނާވާނޭ ކަންތައްތަކެއް ނޫންކަމަށާއި މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ކަންކަންކަމަށް ވެސް އޭނާ ބުންޏެވެ.

"ބިދޭސީންގެ ވަގު ވިޔަފާރިތައް މާލޭގަވެސް އަދި ހުޅުމާލޭގަވެސް ބައިވަރު. ހުޅުމާލޭ ކެފޭތަކާ، ފިހާރަތައް ބަލާލީމަވެސް އެކަން އެނގޭނެ. ދިވެހިންގެ ނިވަލުގައި ފޮރުވިގެންތިބެ ފުރިހަމަ ބާރާއި އެކު އެމީހުން އެކަން ކުރަނީ." ހިތްހަމަ ނުޖެހިފައި ހުރެ އިބްރާހިމް އާދަމް ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނީ ފިހާރަތަކާއި ކެފޭތަކުގެ ކޭސް ކައުންޓަރުތަކުގައިވެސް ކޭސިއަރުންގެ ގޮތުގައި ބިދޭސީން ނަށް ނުތިބެވޭ ގޮތަށް ގާނޫނަކުން މަނާކޮށްފައިވާ ކަމަށާއި ނަމަވެސް ގިނަ ފިހާރަތާއި ކެފޭތަކުގެ ކައުންޓަރުތަކުގައި މިހާރުވެސް ގިނަ އަދަދަކަށް ބިދޭސީން ތިބޭކަން ފާހަގަވާކަމަށެވެ. 

"މިހާރުވެސް ބަލާ، ހުލުމާލެ ވިޔަސް އަދި މާލެ ވިޔަސް، ގިނަ ކެފޭތަކާއި ފިހާރަފަދަ ތަންތަނުގެ ކޭސިއަރުންގެ ގޮތުގައި ތިބޭނީ ގިނައިން ބިދޭސީން. މިކަން ވެސް ބެލޭނެ ގޮތެއް ހަމަ ނެއް."އިބްރާހިމް ބުންޏެވެ.

އިބްރާހިމް އިތުރަށް ބުނީ، މިހާރަކަށް އައިސް ވަގު ވިޔަފާރި ކުރަމުން އަންނަ ގިނަ ބިދެސީން ނުބައި ރޭވުމެއްވެސް ރާވަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގެ އަންހެނުންނާއި ކައިވެނި ކުރުން ކަމަށެވެ. އަދި އެފަދަ މީހުން ރާއްޖެ މީހުންނާއި ކައިވެނިކޮށް ވިޔަފާރި އެމީހާގެ ނަންމައްޗަށް ބަދަލުކުރަމުން އަންނަކަމަށެވެ.

މާލެ އާއި އަތޮޅުތަކުގައި މިހާރު ބިދޭސީންގެ ވިޔަފާރީގެ ބޮޑެތި ނެޓްވޯކުތައް އަޅާފައިވާއިރު، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިމްޕޯޓު ވިޔަފާރީގައި ބިދޭސީން ވަނީ ދިވެހިންނަށްވުރެ އެތައް ގުނައެއް ކުރީގަ އެވެ. ފާޅުގައި ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމުގައި ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައި ނުވި ނަމަވެސް ގަވާއިދުން ހުއްދަނަގައިގެން ދިވެހިން ހިންގާ ކުދި ވިޔަފާރިތަަކަށް އަބަދުވެސް ސަރުކާރުން އައީ ބޮޑެތި ހުރަސްތަކެއް އަޅަމުންނެވެ.

"ސަރުކާރުތަކުން މަސައްކަތެއް ނުކުރޭ ގަވައިދާ ހިލާފަށް ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވާކަށް. އެމީހުން އެކަން ކުރަނީ ފާޅުގަ، ހިތުހުރި ގޮތަކަށް. އެހެން ނަމަވެސް ވާކަމެއް ނޯވޭ." ބިދޭސީން ކުރާ ވަގުވިޔަފާރިއާ ގުޅޭގޮތުން ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.
"މިހާރު މިގައުމު ހިންގަނީ ބިދޭސީން ކަމަށް ބެލެވެނީ. އެމިހުން މާ ވަރުގަދަ ހުރިހާ ކަމަކަށް ވެސް. ހާއްސަކޮށް ވިޔަފާރިއަށް. ނުކުރާ މަސައްކަތެއް ނޯވޭ. ނުކުރާ ވިޔަފާރިއެއް ނޯވޭ."

ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ މިފަދަ ބޮޑެތި ވިޔަފާރިތަކުން މަހެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއް ހޯދައި، އެ ރުފިޔާތައް ގައުމުން ބޭރު ކުރަމުން އަންނަ އިރު ބިދޭސީން ގެ ތެރެއިން އެތައް ބަޔަކު އަންނަނީ ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިވެސް ކުރަމުންނެވެ.

ރާއްޖެ ފާހަގަވެގެން ދަނީ ބިދޭސީން ހިތުހުރި ގޮތަކަށް ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރުމަށް ފުރުސަތި ލިބޭ ހަމައެކަނި ގައުމުގެ ގޮތުގަ އެވެ. އެހެނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހާމަކަން ބޮޑު ގޮތެެއްގައި ހެދިފައި އޮންނަ ގަވާއިދުތަކާއި ހިލާފަށް އުޅޭ ބިދޭސީން ބޭނުން ގޮަތަކަށް ވިޔަފާރިއެއް ނުކުރެވެ އެވެ.

އެހެން ނަމަވެސް ރާއްޖެ ތަފާތެވެ. މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައި ބެލިއަސް މިހާރު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހިންގާ އެތައް ސަތޭކަ ވިޔަފާރިތަކެވެ. އޭގެތޭރައި ކެފޭތަކާއި ފިހާރަތަކާއި ދުވަހު ކުއްޔަށް އަދި މަހު ކުއްޔަށް ކޮޓަރި ދޫކުރާތަންތަން ވަރަށް ގިނައިން ފެންނާންހުރެ އެވެ. މިއީ މިއަދަކު ނުވަތަ އިއްޔެއަކު ހިނގާ ކަންކަމެއް ނޫނެވެ. އެތަކެއް އަހަރުތަކެއް ވެ، މޫލާފައި ހުންނަ ކަންކަމެވެ. 

ބިދޭސީންގެ ވިޔަފާރި ނެޓްވޯކްތައް ހުއްޓުވުމަށް އަޅަނީ ކޮން ފިޔަވަޅެއް؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުއައި ފަހުން ގަވައިދާއި ހިލާފަށް އުލޭ ބިދޭސީންގެ މައްސަލަތައް ބެލުން ވަނީ އިތުރުކޮށްްފަ އެވެ. އެގޮތުން ހޯމް މިނިސްޓްރީ އާއި އިމިގްރޭސަން އަދި ފުލުހުން ގުޅިގެން މިހާރުވަނީ ބޮޑު އޮޕަރޭސަނެއް ވެސް ކުރިއަށް ގެންދަން ފަށާފަ އެވެ. އެގޮތުން އިމިގްރޭޝަނުން މިހާރު ހިންގަމުން ގެންދާ މި އޮޕަރޭސަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދިޔަ ބައެއް ތަންތަން ބަލާ ފާސްކޮށް އަދި ވިޔަފާރިކުރަމުންދިޔަ 267 ތަނެއް ވަނީ ރެއިޑްކޮށްފައިވެ އެވެ.

އިމިގްރޭސަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ގަވައިދާ ހިލާފަށް އުޅެމުންދިޔަ 3542 ބިދޭސީއަކު ރާއްޖެއިން ވަނީ ފޮނުވާލާފަ އެވެ. މީގެތެރޭގައި ގިނައީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ. އަދި އަމިއްލަ މަންފާ ހޯދުމަށް ތަފާތު ވިޔަފާރިތައް ހިންގަމުން ދިޔަ ވަގު ވިޔަފާރިތަކާއި ގުޅިފައިވާ ބޮޑެތި ނެޓްވޯކްތައް ހިންގަމުން އައި 10 ވަރަކަށް މީހުން ހިމެނެ އެވެ.

ބިދޭސީން ހަންމަތަ ކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މިހާރު ގެންދާ އޮޕަރޭޝަނަކީ ދެމެހެއްޓެނިވި ހަރުދަނާ ގޮތަކަށް ކުރެވޭ އޮޕރޭސަނަކަށް ވެއްޖެނަމަ ރާއްޖޭގެ އިގްތިސާދު މި ދަތުރުކުރާ ނުބައި މިސްރާބުން ރަނގަޅު މިސްރާބަކަށް ބަދަލުކޮށްލެވޭނެ އެވެ. އަދި މިހާރު ދިމާވެފައިވާ އިގްތިސާދީ ބޮޑު ކާރިސާއިން ގައުމު ސަލާމަތް ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް