ads
އެއްވަނަ ޑިވިޝަންގެ ދެ ޓީމު ރަށެއްގައި ކުޅެނީ
ފައިސާ ނުލިބޭ ނަމަ ލީގު "އައުޓްސޯސް" ކުރުން: އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް!
ކުރިމަގަށްޓަކައި ގައުމީ ލީގް ކުޅުވަން ޖެހެނީ މުޅި ރާއްޖެ ބައިވެރިކޮށްގެން
ފުޓުބޯޅަ ޕްރެމިއަ ލީގް ނުފެށި މިއޮތީ ކްލަބްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ އެވެ. އަދި މިފައިސާއަކީ އެފްއޭއެމާ ސަރުކާރުން ދޭންޖެހޭ ފައިސާ ކަމަށް ބުނެ އެވެ.
Advertisement

އެއް ވަނަ ޑިވިޒަންގެ ކްލަބަތަކަކީ އެފްއޭއެމް ކޮންގެރެސްގެ މެޖޯރިޓީ އެވެ! އެފްއޭއެމްގެ ހިންގާ ކޮމިޓީ ކޮންޓްރޯލް ކުރީ މިކްލަބްތަކުން ނެވެ. އަދި އެންމެ ފަހުން ހިންގާ ކޮމިޓީން އިސްތިއުފާދީ، އެފްއޭއެމް ފޭލްކޮށްލީ ވެސް މިކްލަބްތަކުން ނެވެ. ވީމާ މިކްލަބްތަކަށް ނުލިބި އޮތް ފައިސާއަކީ މިކްލަބަތަކުގެ ހިންގާ ކޮމިޓީން ނުދީހުރި ފައިސާ އެވެ.  

އެފްއޭއެމް ފޭލްވެގެން ފީފާ އިން އުފައްދަން ޖެހުނު ނޯމަލައިޒޭޝަން ކޮމިޓީއަކަށް، މިފަދަ ނާގާބިލް ކްލަބްތަކަކަށް ޒިންމާ ވާކަށް ނުޖެހޭނެ އެވެ. މިކްލަބަތަކަށް ވުރެ ގާބިލް އެހެން ކްލަބަތައް ހުންނާނެ އެވެ. ވީމާ، ނޯމަލައިޒޭޝަން ކޮމިޓީއަށް އޮތްގޮތަކީ ކުޅެން ތިބި ކްލަބްތަކާއިގެން ކުރިއަށް ދިއުމެވެ. ލީގް ފަށާ، ފުޓުބޯޅަ "ނޯމަލައިޒް" ކުރުމެވެ! މުސާރަ ނުލިބި ތިބި މަދު ކުޅުންތެރީންގެ ހައްގުގައި ޒުވާން ޖީލެއްގެ ފުރުސަތު ގެއްލުވާލުމަކީ، އިޔާދަ ނުކުރެވޭނެ ގެއްލުން ހުރިކަމަކަށް ވާނެތީ އެވެ.

ފައިސާ ނުލިބެނީސް ޓީމެއް އެކުލަވާނުލެވޭނެކަމަށް މިހާރު ބުނާ ކްލަބްތަކަށް ދެ ވަނަ ފުރުސަތެއް ދެވިދާނެ އެވެ. އަދި އެ ބުނާ ފައިސާ އާއި ނުލާ ޓީމެއް ބައިވެރި ކުރެވޭނެކަމުގެ ޔަގީންކަން ދިނުމުން އެފަދަ ކްލަބަތައް ވެސް ބައިވެރިކޮށްގެން ލީގް އަވަހަށް ފަށަން ޖެހެ އެވެ. އަދި ބައިވެރިނުވެވޭ ހާލަތަށް ވެއްޓިފައިވާ ކްލަބެއް ވާނަމަ، އެކްލަބުގެ ބަދަލުގައި، ދެ ވަނަ ޑިވިޒަންގެ ރޭންކިންގް ތަރުތީބުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ކްލަބަށް ޕްރެމިއަ ލީގްގެ ޖާގަ ދޭންވީ އެވެ.

ނުކުޅެވުނު ކްލަބް އެ އޮތީ ނޯމަލައިޒް ކުރުމަށްޓަކާ އެއްފަރާތް ކުރަން ޖެހިފަ އެވެ. އިންގިރޭސި ފުޓުބޯޅަ ޝަގާފަތުގައި މިއީ ކްލަބެއް "އެޑްމިނިސްޓްރޭޝަން" އަށް ފޮނުވުމެވެ. ބޭންކް ރަޕްޓްވުމުން ނޯމަލައިޒް ކުރުމަށްޓަކާ އެއްފަރާތް ކުރުމެވެ!

ނޯމަލައިޒޭޝަން ކޮމިޓީގެ ހަރަކާތްތައް:

އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އާއްމުކުރި ނޯމަލައިޒޭޝަން ކޮމިޓީ ހަރަކާތްތެރިވާން ފަށައިފި އެވެ. މިގޮތުން އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ކްލަބްތަކާ ބައަދަލު ކުރި އެވެ. އަދި މިނިސްޓަރާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

އެބައްދަލުވުމުގައި ކްލަބްތަކުން ބުނީ ފައިސާ ނުލިބި ލީގް ނުފެށޭނެކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީން ބުނީ ފައިސާދޭން ޖެހޭނެކަމަށް ބުނާ ލިޔެކިޔުމެއް ނެތްކަމަށެވެ. އެއް ވަނަ ޑިވިޒަންގެ މެޖޯރިޓީ އޮތް ހިންގާ ކޮމިޓީއަކުން އެފެއޭއެމް ހިންގި އިރު ލިބޭނެކަމަށް ބެލި ފައިސާ ނުލިބުމަކީ ނޯމަލައިޒޭޝަން ކޮމިޓީން ޒިންމާވާން ޖެހޭ ކަމަކަށް ނުވާނެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީއެއް އުފެދެން ޖެހުނީ ވެސް މިހެންވެގެން ނެވެ. ނޯމަލައިޒޭޝަން ކޮމިޓީން ކުރަންޖެހޭ ކަމަކީ ލީގް ފެށުމެވެ.

ސަރުކާރުން ފައިސާ ދިނުން ހުއްޓާލުން

މީގެ ހަތް އަހަރު ކުރިން، 2017 ން ފެށިގެން ޕްރެމިއަ ލީގް ކްލަބަކަށް އަހަރަކަށް 3،000،000 ރުފިޔާ ލިބެން ފެށި އެވެ. މިފައިސާ ލިބުނީ ސަރުކާރު ކުންފުނިތަކުން ނެވެ. އެހެން ނަމަވެސް، ދެ އަހަރު ފަހުން، 2019 އަހަރު ސަރުކާރު ކުންފުނިތަކުން ފައިސާ ދިނުން ހުއްޓާލި އެވެ. ސަރުކާރު ކުންފުނިތަކުން ފައިސާ ދިނުން ހުއްޓާލުމުން އެއިރުގެ ހިންގާ ކޮމިޓީން ނިންމީ ރަހުމަތްތެރި ސަރަހައްދީ ނެޝަނަލް އެސޯސިއޭޝަންތަކުން ފައިސާ ހޯދައިގެން ކްލަބްތަކަށް ފައިސާ ދިނުމެވެ.

your imageއަތޮޅު މުބާރާތެއްގެ ތެރެއިން

ކްލަބްތައް ފައިނޭންސް ކުރަން ރަހުމަތްތެރި އެސޯސިއޭޝަންތަކުން ފައިސާ ހޯދަން ނިންމިކަން އެޖަމިއްޔާގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ސޭވް އެފްއޭއެމްގެ ލޮބީ ގްރޫޕަށް، 13 ސެޕްޓެމްބަރ 2023 ގައި ކަށަވަރުކޮށް ދެއްވާފަ އެވެ. މިއީ ދެމެހެއްޓެނިވި އުސޫލެއްތޯ ސުވާލު ކުރުމުން، ބައްސާމް ވިދާޅުވީ މިއީ ދެމެހެއްޓެނިވި އުސޫލެއް ނޫން ކަމަށެވެ. މިހާރު ކްލަބްތަކަށް ނުލިބިގެން އުޅެނީ މިއުސޫލުގެ ދަށުން ލިބޭނެކަމަށް ބުނި ފައިސާ އެވެ. މިއީ ނޯމަލައިޒޭޝަން ކޮމިޓީން ޒިންމާވާންޖެހޭ ކަމެއް ނޫނެވެ.

ރަހުމަތްތެރި އެސޯސިއޭޝަންތަކުން ކްލަބްތަކަށް ފައިސާ ހޯދުމަކީ ދެމެހެއްޓެނިވި އުސޫލަކަށް ނުވުމުގެ އިތުރުން، މިފަދަ ނިންމުމަކީ އެތިކަލް ނިންމުމެއްތޯ ވެސް ސުވާލު އުފެދެ އެވެ. މިއީ "ސަލާން ޖެހުމެވެ"! އިތުރަށް ތިލަކޮށްލާ ނަމަ، "ވޯޓް ވިއްކުމެވެ". ނާޖާއިޒު "ޑީލް" ހެދުމަށް އެފްއޭއެމްގެ ރައީސަށް ލައިސަންސް ދިނުމެވެ. ސަރަހައްދީ ނެޝަނަލް އެސޯސިއޭޝަންތަކަކީ އަޅުގަނޑުމެންގެ ވާދަވެރިންނެވެ. އަޅުގަނޑުމެންގެ ވާދަވެރިންގެ ތައްޕާހުން އުޅުމަކީ އުސޫލެއްގެގޮތުން ދެކޮޅު ޖެހޭކަމެއްނޫނެވެ. ލަދުވެތި ކަމެކެވެ. ނިކަމެތި ކަމެކެވެ. އަޅުގަނޑުމެންގެ ވެސް ގޮތެއް ހުންނަންވާނެ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީއަކުން ނިންމި މިނިންމުމަކީ ފުޓުބޯޅަ ކުރިއެރުވުމުގެ ހެޔޮ ނިޔަތުގައި ނިންމި ނިންމުމެއް ނޫނެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީން މިފަދަ ނާޖާއިޒް ބާރުތަކެއް ރައީސް ބައްސާމަށް ދިން ދިނުމަކީ އެފްއޭއެމް ފޭލްވާން ޖެހުނު އެންމެ ބޮޑު ސަބަބެވެ. ހިންގާ ކޮމިޓީން ބައްސާމަށް ދިން ބާރުތަކަކީ ބޭރުގެ އެސޯސިއޭޝަންތަކުގައި ފައިސާއަށް ސަލާން ޖަހާ، ވޯޓް ވިއްކާ، ނާޖާއިޒް "ޑީލް" ހަދައިގެން ނަމަމަވެސް ކްލަބްތަކަށް ފައިސާ ހޯދައި ދިނުމެވެ.

ސަރުކާރުން ފައިސާ ދިނުން ހުއްޓާލީ ކީއްވެތޯ ދެނެގަންނަން ޖެހެ އެވެ؟ ސަރުކާރުން ފައިސާ ދިނުން ހުއްޓާލީ، ފައިސާ ހަރަދު ކުރާގޮތުގެ ތަފްސީލް ސަރުކާރަށް ނުދޭތީ އެވެ.

އަމިއްލަ ކުންފުނިތަކުން ފައިސާ ހޯދުން.

ބޭރު އެސޯސިއޭޝަންތަކާ "ޑީލް" ހަދައިގެން "ގޮތް ނޭނގޭ" ފައިސާ ހޯދުމުގެ ބަދަލުގައި، ދެން އެންމެ ރަގަޅުގޮތަކަށް ވީހީ އަމިއްލަ ކުންފުނިތަކުން ފައިސާ ހޯދުމަށް ހުޅުވާލުމެވެ. ސުވާލަކީ އަމިއްލަ ކުންފުނިތަކަށް މިފުރުސަތު ހުޅުވާނުލީ ކީއްވެތޯ އެވެ؟

މާޒީއަށް ބަލާލުމުން އެނގެނީ ފައިސާ ދޭނެ އަމިއްލަ ކުންފުންޏެއް ވެސް ނުވީ ކަމެވެ. އެފްއޭއެމް އާއި އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ މައްޗަށް ވިޔަފާރިވެރިންގެ އިތުބާރު ވަނީ ގެއްލިފަ އެވެ. ވިޔަފާރިވެރިންގެ އިތުބާރު ގެއްލުނީ އެއިރު ވެސް އެފްއޭއެމުން އޮތީ އެތަށް ވިޔަފާރިވެރީންނަށް ދަރާފައި ކަމަށްވީތީ އެވެ. މި ހަގީގަތް ދައްކައިދޭ ކޯޓް ހުކުމްތައް ބަރިބަރިއަށް އެދަނީ ހާމަވަނުން ނެވެ.

your imageބައްސާމް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު

އަމިއްލަ ކުންފުނިތަކުން ފައިސާ ހޯދަން ނޫޅުނު އަނެއް ސަބަބަކީ، މިފަދަ ކުންފުނިތަކުން ދޭ ފައިސާގެ ހަރަދުކު ތަފްސީލް ދޭން ޖެހޭނެތީ އެވެ. މިފަހަކުން ކްލަބްތައް ހިންގަމުން ގެންގޮސްފައިވަނީ ސަރުކާރުން ދޭ ފައިސާއިން ނެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި ކޮމިޝަނަރު އޮފީހުގެ ހިންގުން ދޯދިޔާވުމުން ސަރުކާރު ކުންފުނިތަކުން ދޭ ފައިސާ ހަރަދުކުރާ ގޮތް އޮޅުން ފިލުވާ، ޖަވާބުދާރީ ކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެފްއޭއެމް އާއި ކްލަބަތައް ކަރަޕްޝަނަށް ހުޅުވުނީ މިހެންވެ އެވެ. ރެގިއުލޭޓް ނުކުރެވުމުން ނެވެ. މިއަދު ވެސް ކޮމިޝަނަރު އެ އުޅުއްވަނީ ކްލަބްތަކަށް ލިބުނު ފައިސާ ހަރަދު ކުރިގޮތުގެ ތަފްސީލް ނުލިބިގެން ނެވެ. މިނިސްޓަރު އެ އުޅުއްވަނީ މިހާރު އޮތް ނިޒާމް ވެސް ހިންގޭތޯ މަސަތަކަތް ކުރުމުގަ އެވެ.

ކުރިއަށް އޮތްތާ، އަމިއްލަ ކުންފުނިތަކުން ޕްރެމިއަ ލީގަށް ފައިސާ ދޭނީ، ސްޕޮންސަރުން ދޭ ފައިސާ ހަރަދު ކުރާގޮތުގެ ތަފްސީލް ހާމަކުރަން ޖެހޭ ގާނޫނީ މާހައުލެއް ޒިންމާދާރުކަމާ އެކު ގާއިމް ކުރެވިގެނެވެ. އަދި ޕްރެމިއަ ލީގް މާލެއިން ބޭރަށް ލާމަރުކަޒު ކުރެވިގެނެވެ. ޕްރެމިއަ ލީގްގެ ކްލަބްތަކަކީ މާލޭގެ "ވޯޑް" ކްލަބަތަކެއްގެ ބަދަލުގައި، ޒޯންތަކަށް ނިސްބަތްވާ އަތޮޅު ނުވަތަ ރަށު ކްލަބްތަކަށް ވާންޖެހެ އެވެ. އަދި މިފަދަ ކްލަބްތަކުގެ ހޯމް ގްރައުންޑަކަށް، އެޒޯނެއްގެ ޒޯން ސްޓޭޑިއަމް ވާނެ އެވެ. މާލޭ ޒޯނަށް ވެސް މިއުސޫލުން ޖާގަ ލިބޭނެ އެވެ. މި އާ ފޯމެޓްގައި، ތާރީހާ، އާބާދީއަށް ބަލާ، މާލެ ޒޯނަށް ދެ ޖާގަ ދިނުމަށް މަޝްވަރާ ކުރެވިދާނެކަމަކަށް ފެނެ އެވެ.

ލީގް ފެށުން

ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފެށިއިރު، ފުޓުބޯޅައިގެ ފަސްމަންޒަރު އޮތްގޮތް މަތީގައި ހުލާސާކޮށްފައި އެވަނީ އެވެ.

މިފަސްމަންޒަރުގެ އަލީގައި ނޯމަލައިޒޭޝަން ކޮމިޓީއަށް ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ހުއްޓިފައިވާ ލީގް ފެށުމެވެ. ކްލަބްތައް ވަނީ ރޫޅިފަ އެވެ. ރޫޅިފައިވާ ކްލަބްތަކެއްގެ ސަބަބުން ލީގް ވަނީ ހުއްޓިފަ އެވެ. މުސާރަ ނުދެވުނުތާ، ކުޅުންތެރިން ހަމަނުކުރެވިގެން ދަނޑަށް ނާދެވުނު ޕްރެމިއަ ލީގް ކްލަބަތައް ވެސް މިދިޔަ ސީސަންގައި ފެނު ނެވެ. ރެގިއުލޭޝަން ބުނާގޮތުން ސަސްޕެންޑް ވެސް ކުރެވިދާނެ އެވެ. އެހެން ނަމަވެސް ފިޔަވަޅެއް އަޅާނެ ސާބިތުކަން ވެސް ނެތިގޮސް މުޅި ފުޓުބޯޅަ ނިޒާމް މިވަގުތު މިއޮތީ ރޫޅިފަ އެވެ. 8 ކްލަބުން 10 ކްލަބަށް، ޕްރެމިއަ ލީގްގެ ޓީމް އަދަދު އިތުރު ކުރުމަކީ އަސާސީ ގަވާއިދާ ހިލާފަށް ކުރާކަމެކެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ވާޖިބަކީ އަސާސީ ގަވާއިދާއެއްގޮތަށް ލީގް ފެށުމެވެ. މިހާރު ވެސް މިއޮތީ ސީޒަނެއް ގެއްލިފަ އެވެ. ލީގް ނުކުޅެ ސީޒަނެއް ގެއްލުމަކީ ކުޅެން ތިބި ކްލަބްތަކަށާއި އަރަމުން އަންނަ ޖީލްތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުން ވާނެކަމެކެވެ. ވީމާ ނޯމަލައިޒޭޝަން ކޮމިޓީން ލީގް ފަށަން އިއުލާނު ކުރުމަކީ އެންމެ ހެޔޮގޮތްކަމަށް ވާނެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާގެ ވިސްނުން ހުރީ މިމަގަށް ކަމަށް މަސްދަރުތަކުން ބުނެ އެވެ.

ލީގް ފެށޭނެ ދެ ގޮތެއް އެބައޮތެވެ. އެއްގޮތަކީ ކުރިއެކޭ އެއްގޮތަށް މާލޭގައި ލީގް ކުޅުމެވެ. ދެ ވަނަ ގޮތަކީ، މުޅި ރާއްޖެއަށް ލީގް ހުޅުވާލުމެވެ.

މާލޭގައި ލީގް ކުޅުމުގެ ތަޖްރިބާއިން މިހާރު ވެސް އެނގެން އޮތް ހަގީގަތަކީ ސަރުކާރުން ފައިސާ ދިނުމުން ވެސް، މާލޭ "އަވަށު" ކްލަބްތަކުގެ މެދުގައި ކުޅޭ ޕްރެމިއަ ލީގް ބަލާނެ މީހަކު ނުވިކަމެވެ. މިއީ ދެ ވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެކެވެ.

ދެ ވަނަ ވިސްނުމަކީ މުޅި ރާއްޖެއަށް ލީގް ހުޅުވާލުމެވެ. ޕްރެމިއަ ލީގަކީ މުޅި ރާއްޖެ ޝާމިލްވާ ލީގަކަށް ވާންޖެހޭނެ އެވެ. ޒޯން ޗެމްޕިޔަނުން ކުޅޭ ލީގަކަށް ވާންޖެހޭނެ އެވެ. އަދި ހަފްތާ ބަންދުގައި، ޒޯން ސްޑޭޑިއަމްތަކަށް ޓީމްތައް ދަތުރު ކުރާގޮތަށް ހޯމް އެންޑް އަވޭ އުސޫލުން ހިންގާ ލީގަކަށް ވާންޖެހޭނެ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ބެލުންތެރިންނާ ހިސާބަށް ލީގް ގެންދިއުމެވެ. ރާއްޖޭގެ ޒޯން ސްޓޭޑިއަމްތަކުގައި ލީގްމެޗްތައް ހޯމް އެންޑަ އަވޭ އުސޫލުން ހޯސްޓް ކުރުމެވެ. އެއިރުން ބެލުންތެރިން ވެސް ވާނެ އެވެ. ވާދަވެރި ލީގެއް ވެސް އުފެދޭނެ އެވެ. ސްޕޮންސަރުންވެސް ވާނެ އެވެ.

your imageއަތޮޅު ތެރޭ މުބާރާތެއްގައި ސަޕޯޓަރުން

މާލޭގައި ލީގް ކުޅުން

މިހާތަނަށް މިކަން ކުރަމުން އައި ގޮތަކީ މާލޭގައި ލީގް ކުޅުމެވެ. އެއީ ގައުމީ އެއް ވަނަ ޑިވިޒަންގެ 8 ކްލަބް މެދުގައި ދިވެހި ޕްރެމިއަ ލީގް ނަމުގައި، ގަލޮޅު ދަނޑުގައި ލީގް ކުޅުމެވެ.

އަސާސީ ގަވާއިދު ބުނަނީ ގައުމީ އެއް ވަނަ ޑިވިޒަނަކީ 8 ކްލަބްގެ މައްޗަށް އެކުލެވޭ ލީގަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ގައުމީ ދެ ވަނަ ޑިޒަނަކީ 10 ކްލަބަގެ މައްޗަށް އެކުލެވިގެންވާ ލީގަކަށް ވާންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ގައުމީ ފެންވަރުގައި ކުޅެން ކަނަޑައަޅާފައިވާ ޕްރެމިއަ ޑިވިޒަނާއި ދެ ވަނަ ޑިވިޒަނަކީ، ހަމައެކަނި މާލޭގެ ކްލަބަތަކަށް އޮތް ފުރުސަތެއްކަމަށް އޮންނަނީ ގަބޫލު ކުރެވިފަ އެވެ. މިއީ އަސާސީ ގަވާއިދުގެ ރޫހާ ހިލާފް، ބޯދާ ވިސްނުމެކެވެ. މިއަދުގެ ތަހުޒީބު ފުޓުބޯޅަ މުޖްތަމައުތަކުގައި ބާތިލް ވިސްނުމެކެވެ.

އަށް ކްލަބަގެ ލީގެއްގެ އެއް ބުރަކީ 28 މެޗެވެ. ދެބުރަކީ 56 މެޗެވެ. ހަފްތާ ބަންދެއްގައި ދެ މެޗްގެ ރޭޓުން ލީގް ގެ ދެބުރު މިމަހު (ސެޕްޓެމްބަރ 2024) ފަށައިފިނަމަ އަންނަ އަހަރުގެ އޭޕްރިލް މަހަށް (ރޯދައަށް މެދުކަނޑާ ނުލާ ނަމަ) ނިންމާލެވޭނެ އެވެ.

ލީގެއް ހަފްތާ ބަންދުގައި ކުޅެން ތާވަލް ކުރަނީ ދެ ސަބަބަކަށްޓަކާ އެވެ. އެއް ސަބަބަކީ ކުޅުންތެރިންނަށް ޓްރެއިނިން އާއި ރިކަވަރީއަށް ވަގުތު ދިނުމެވެ. އަނެއް ސަބަބަކީ ހަފްތާ ބަންދަކީ ގިނަ ބެލުންތެރިންނަށް ހުސްވަގުތުވާ "ވީކް އެންޑް" ކަމަށް ވާތީ އެވެ. މާލޭ ގަލޮޅު ދަނޑުގައި ކޮންމެ ހުކުރު ހޮނިހިރެއްގައި މެޗްކުޅެވިދާނެ އެވެ. ބެލުންތެރިންވޭތޯ ވެސް ބަލާނީ އެވެ!

މުޅި ރާއްޖެއަށް ލީގް ހުޅުވާލުން.

ދެ ވަނަ ވިސްނުމަކީ މުޅި ރާއްޖެއަށް ލީގް ހުޅުވާލުމެވެ. މިއީ މުޅިން އާ ގޮތެއްކަމަށް ވެދާނެ އެވެ. އެހެންވެ އުދަނގޫ ގޮތެއްކަމަށް ވެސް ފެނިދާނެ އެވެ. އެހެން ނަމަވެސް މިއީ އެހާ އުނދަގޫގޮތަކަށް ނުވާނެ ސަބަބަކީ، ޒޯންތަކުގައި ފުޓުބޯޅަ ކްލަބަތައް ގިނަ ކަމެވެ. މާލެއަށްވުރެ ފުޓުބޯޅަ ފޯރި ޒޯންތަކުގައި ބޮޑުކަމެވެ. އެފްއޭއެމުން ޒޯންތަކުގައި ގަވާއިދުން މުބާރާތް ނުހިންގާތީ، އަތޮޅާއި ޒޯން ފެންވަރުގެ އަމިއްލަ ފަރާތްތަކުން އެތައް މުބާރާތްތަކެއް އަބަދު ވެސް އޮންނަނީ ހިންގަ ހިންގަ އެވެ.

މުޅި ރާއްޖެއަށް ލީގް ހުޅުވާލާނެ ގޮތަކީ، ލީގްގެ 8 ޖާގަ، ނުވަ ޒޯނަށް ހުޅުވާލުމެވެ. ލީގް މުޅި ރާއްޖެއަށް ހުޅުވާލާނެ ނިޒާމް އެ ވަނީ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ 1 ގެ "އޭ" އިން "ސީ" އަށް ބަޔާންކޮށް ދީފަ އެވެ. 18 ވަނަ މާއްދާގެ 1 އިން 3 ށް އެ ވަނީ، މިނިޒާމްގެ ދަށުން، ޒޯންތައް ލާމަރުކަޒުކޮށް "ރީޖަނަލް ލީގް" އުފައްދާނެ ގޮތެވެ. ނޯމަލައިޒޭޝަން ކޮމިޓީއަށް ލިބިފައިވާ ބާރުގެ ދަށުން އަސާސީ ގަވާއިދު އިސްލާހް ކުރާއިރު، ޒޯންގެ މަފްހޫމް އިތުރަށް ތަފްސީލްކޮށް ދޭން ފެނެ އެވެ. އެއީ އެޒޯނެއްގައި ހިމެނޭ އަތޮޅުތައް ބަޔާން ކުރުމެވެ. އަދި ޒޯން ކްލަބްތަކަށް ކޮންގްރެސްގައި ވޯޓްލުމުގެ ހައްގު ވެސް ދިނުމެވެ.

ނޯމަލައިޒޭޝަން ކޮމިޓީން، 18 ވަނަ މާއްދާގައި އެ ބުނާ ކޮންމެ ޒޯނެއްގައި ސަރަހައްދީ ލީގެއް އުފެއްދުމުގެ ބާރު އެޒޯނެއްގެ ކްލަބަތަކަށް ދީ، ސަރަހައްދީ އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދު ފާސްކޮށް ދިނުމުން ޕްރެމިއަ ލީގް ލާމަރުކަޒު ކުރެވޭނެ އެވެ. މި މަފްހޫމްގެ ދަށުން 10 ވަނަ މާއްދާގެ 1 ގެ "ސީ" ގައި އެބުނާ 9 ޒޯންގެ ތެރެއިން އެންމެ މޮޅު 8 ޒޯން ޗެމްޕިޔަނުން ގައުމީ ލީގަށް ކޮލިފައިވާގޮތަށް ނިންމިދާނެ އެވެ. އެޒޯނެއްގެ ޒޯން ސްޓޭޑިއަމް އަކީ އެ ޒޯން ޗެމްޕިޔަނެއްގެ ހޯމް ސްޓޭޑިއަމް ކަމަށް ބަލާ، ހޯމް އެންޑް އަވޭ ލީގެއް ގާއިމް ކުރެވިދާނެ އެވެ.

ޒޯންތަކަށް ލާމަރުކަޒުކޮށްފައި އޮންނަ ޕްރެމިއަ ލީގެއް އައުޓްސޯސްކޮށް، ޕްރޮފެޝަނަލް ލީގެއް ގޮތުގައި ހިންގިދާނެގޮތުގެ މަޝްވަރާއަކީ ސޭވް އެފްއޭއެމް ލޮބީގްރޫޕުން ސަރުކާރާއި، ނޯމަލައިޒޭޝަން ކޮމިޓީ އާއި، ވިޔަފާރި ކުންފުނިތަކާއި، އަދި އަލަށް އިންތިހާބު ކުރެވޭ އެފްއޭއެމް އާ އެކު ކުރިއަށްގެންދަން އުއްމީދު ކުރާ ލޮބީ އެކެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު އަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް