ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފެށުމުން ޗައިނާއާއެކު ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މިހާރުވެސް ރާއްޖެއާއި ޗައިނާއާ އެކީގައި 700 މިލިއަން ޑޮލަރުގެ ވިޔަފާރިކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިހާރު ޗައިނާއާ އެކު ރާއްޖެއިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލުކުރަން ފެށުމުން 1 ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު ބަދަލުވެގެންދާނެކަމަށް ހީނާ ވިދާޅުވިއެވެ.
" ދިވެހިރާއްޖެއާއި ޗައިނާއާ އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެމުން އެބެދޭ. އެހެންނަމަވެސް މިހާރު އޮތް އެފްޓީއޭގެ އެއްބަަސްވުމުގައިވާ ގޮތުގެ މަތިންނައި މި އެފްޓީއޭއަށް އަމަލުކުރަން ފެށުމާއި ގުޅިގެން އެއް ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެންދޭ. އެހެންވީމާއި ކުރިޔަށް އޮތްތަނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ހަމައެހެންމެ އާއްމުކޮށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ." ސަރުކާރުގެ ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގއި ކުރެއްވި މަޝްވަރާތަކުން ވަރަށް މުހިއްމު އެއްބަސްވުމެއްގައި މިމަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާކަމަށެވެ. މި އެއްބަސްވުމާއި އެކު ޑޮލަރުން ފައިސާ ނުދައްކާ ދިވެހި ރުފިޔާއިން ވަރަށް ގިނަ ކަންކަން ކުރެވޭނެކަމަށެވެ.
" ދިވެހިންނަށް ހާއްސަ ގޮތެއްގައި ދަތުރުފަތުރުކުރުމުގައި ލިބިގެންދާ ލުއިތައް. ހިދުމަތް ހޯދުމުގައި ދިވެހި ފައިސާއިން ފައިސާ ދެއްކޭނެ ގޮތް މެދުވެރިވެގެން ދިއުން. އަދި ހަމަ އެހެންމެ މުދާ ގަތުމުގައި އަަޅުގަނޑުމެން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ ވިޔަފާރިވެރިންނަށްވެސް އަދި ހަމަ އެހެންމެ ޗުއްޓީ ހޭދަކޮށްލަން ވަޑައިގަންނަވާ ފަރާތްތަކަށްވެސް އެ ބޭފުޅުން ޑޮލަރުން ކުރައްވާ މުއާމަލާތުތައް ދިވެހި ރުފިޔާއިން ކުރެއްވުމުގެ މަގު ފަހިވެގެންދާނެ." ހީނާ ވިދާޅުވިއެވެ.
ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓަށް މިމަހުގެ ތެރޭގައި އަމަލުކުރަން ފަށާނެކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.