ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައި އިސްލާހުތަކުގެ ތެރޭގައި ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން އޮންނަ މުއްދަތު ވަނީ ތިން ދުވަހަށް ކުރުކޮށްފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންނެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށެވެ.
މީގެއިތުރުން ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ދީފައިވާ ބާރު 10 ދުވަހަށް ވަނީ ކުރުކޮށްފަ އެވެ. ގާނޫނުގައި މިހާރު އޮތީ މި މުއްދަތަކީ 30 ދުވަސްކަމަށެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.
މި އިސްލާހު ފާސްވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ބިލް ފާސްކުރުމަށް ވޯޓު ދެއްވި 85 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މި ބިލް ފާސްކުރި ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.