ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޓީޗަރުންގެ ދުވަހުގެ ގޮތުގައެވެ. ސްކޫލްތަކުގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އާދައެވެ.
ގިނަ ސްކޫލްތަކުގައި މި ދުވަސް ފާހަގަކުރަނީ ބެލެނިވެރިންގެ އަތުން ފައިސާ ނަގާ ބެލެނިވެރިން ސްލޫލްތައް ޑިޒައިންކޮށް ރީތިކޮށްގެންނެވެ. މި ކަމުގެ ކަންބޮޑުވުން ކޮންމެ އަހަރަކު ބައެއް ބެލެނިވެރިން ފާޅުކުރެއެވެ.
މިއަހަރުގެ ޓީޗަރުން ދުވަސް އަންނަން ވަރަށް ކައިރިވެފައިވަނިކޮށް އެޑިއުކޭޝަނުން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި އެދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުމާއި ެއެދުވަސް ފާހަގަކުރަން ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުމަށްވެސް ވަނީ އަންގާފައެވެ.
ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުމަށާއި މީގެ އިތުރުން ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށްވެސް ވަނީ އަންގާފައެވެ.
އަދި ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލަތަކަށް އަންގާފައެވެ.