ads
ވައުދާ ހިލާފުވެ މުވައްޒަފުން ކެނޑުން އެމްޑީޕީން ކުށްވެރިކޮށްފި
ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑަތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީން ފާޅުކޮށްފިއެެވެ.
Advertisement

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގި ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެސް ނޭނގިފައިވާކަމަށެވެ. 

އެކަމުގެ ސަބަބުން ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާހުރެ، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް އައްޔަންކުރަމުންދާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ދިޔައީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުންކަމަށާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެ ވައުދު އެގޮތަށް ވެވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް، އިންތިހާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުން ދާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

" މިކަން މި ހިނގަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށްކަން ފާހަގަކުރެވޭ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.


މީގެ ކުރިންވެސް ރައީސް މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން ފެށިއިރުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކަށަވަރުކޮށްދިން ފަދައިން، މިހާރުވެސް ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް މި ޕާޓީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

" ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށާއި އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، ކުރާން އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާއެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވައިލަން." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑިޕީން މި ބަޔާން ނެރެފައިމިވަނީ ފެނަކަގެ މުވައްޒަފުންތަކެއް އަނެއްކާވެސް ވަކިކިރަން އެ ކުންފުނިން ނޯޓިސް ދީފައިވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް