ވަޖީހު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި ހިންގާ އުތުުރު ގޭޓްވޭ ޕްރޮޖެކްޓްގެ ތެރެއިން އެކަމަށް ހާއްސަ މައި އޮފީސް ހއ. އުލިގަމުގައި ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައި އެވެ.
ވަޖީހު ވިދާޅުވީ އެމްޕީއެލްގެ ހިދުމަތްތައް މިހާތަނަށް ދެމުން އައީ ކޮންޓެއިނަރ ބޭލުމުގެ ހިދުމަތެއްގެ ގޮތުގައި އެކަނިކަން ފާހަގަކުރައްވާ ފައެވެ. އަދި އެކަމުން ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖައްސަން ޖެހުމުން ހިދުމަތުގެ އަގު ބޮޑުވެގެންދާކަން ވަޖީހު ފާހަގަކުރެއްވި އެވެ. އެހެންކަމުން މެރިޓައިމް ހިދުމަތްތަކާއެކު ކުންފުނީގެ އަމާޒަކީ ހިދުމަތްތަކުގެ އަގު ހެޔޮކޮށް، މުދަލުގެ އަގު ހެޔޮކޮށްދިނުންކަން އެމްޕީއެލް ސީއީއޯ ފާހަގަކުރެއްވި އެވެ.
ވަޖީހު ވިދާޅުވީ، މިރޭ ހުޅުވުނު އޮފީސް މެދުވެރިކޮށް، 14 ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އެ ހިދުމަތްތައް ދިނުމުގެ ގާބިލްކަން ހުރި ކަމަށާއި އެއް ދުވަހުން އަނެއް ދުވަހަށް ކަންކަން ރަނގަޅުކުރަމުންދާނެ ކަމަށެވެ.
ވަޖީހު ވިދާޅުވީ، މެރިޓައިމްގެ ދާއިރާ ކާމިޔާބުކުރުމަށް ޓަކައި މިހާރު ވެސް ކުރުމަށް މުހިންމު މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.
އެގޮތުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް އަންނަ ކްރޫޒްލައިނާތަކަށް ރާއްޖޭގެ އުތުރާއި، މެދު އަދި ދެކުނުގައި ތިން ކްރޫޒް ޓާމިނަލް ގާއިމުކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.
އުތުރު އައިއެސްޕީއެސް ގޭޓު އިމާރާތް ހުޅުވިއިރު ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށަނީ މާދަމާ އެވެ. އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.
ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުވުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސްގެ އިތުރުން މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދޭނެ އެވެ.
އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.