ads
ކުއްތާއެއް ބޭނުންކޮށްގެން ފުލުހުން ކާރެއް ހުއްޓުވާ ބަލާ ފާސްކުރަނީ
ބޮޑެތި ކުށްތައްކުރުމުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮންކަމެއް؟
"އޭ ބްރޯ..! ކައޭ ކީއްކުރާނަމޭ ހިތާ ތިއުޅެނީ..؟؟ ކައެއް އެނގޭތަ މަށަކީ ކާކުކަން..!! ޕޮލިހަކަށް ނޫން އެއަށްވުރެ މައްޗަށް ދިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.!! މަ ބޭނުންކަމެއް ކުރާނީ..!! ކައޭ ސަލާމަތުން ހުންނަށް ބޭނުންތަ؟؟؟ އެހެން ވިއްޔާ އަވަހަށް މިތަނުން ބޗ..!! ނޫނީ..!!؟؟
Advertisement

މިއީ މިއަދު މި މުޖުތަމައުގެ ހާލަތެވެ. މުޖުތަމައުގެ ބިރުވެރިކަން ގޮސްފައިއޮތް ހިސާބެވެ. ކުށްކުރާ މުޖުރިމުންގެ ބަސްމަގު ހުންނާނޭ ގޮތެވެ. ކޮންމެ ފަދަ ކުށެއް ކުރިޔަސް، ކޮންމެ ފަދަ ނުބައި ޖަރީމާއެއް ހިންގިޔަސް މިއަދު ސަލާމަތްވާނޭ ކަމުގެ ޔަގީންކަން މިފަދަ މީހުންނަށް އޮވެއެވެ. ބިޑިއަޅުވައިގެން ގެނދެވޭނޭ ޖަލެއް، މައްސަލަ ބެލޭނޭ ކޯޓެއް މިފަދަ މީހުންނަށް ނެތެއެވެ.

"ހެޔޮނުވާނެ.. މަ ސަލާމަތް ކޮށްދީ..!!.. އަޅެ މަ މިއަށް މަރުވަނީ..!! މަންމާ.. ބައްޕާ..!! މިއީ މިއަދު ލޯކުރިމަތިން، ރޯމާ ދުވާލު، އިވެމުންދާ ނަމާން ބިރުވެރި، އަޑުތަކެވެ. ފެންނަމުން ދާ ބިރުވެރި މަންޒަރުތަކެވެ. ވަށައިގެން މީހުންތައް ބަލަން ތިއްބާ މީހެއްގެ ޅަ ދަރިއަކު އެއައްގެން ނަގައިގަނެގެން، ރަހީނުކޮށްގެން ގެންދަނީ އެވެ. ސަލާމަތަށް އެދި ގޮވަގޮވާ އޮއްވަ އެވެ. އެތައް ސަތޭކަ ބައެއްގެ ލޯކުރިމަތީގަ އެވެ.

މިފަދަ މަންޒަރުތައް ފެންނަނީ ނުވަތަ ފެނިފައި ހުރީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ. އަހަރެމެން ލޯކުރިމަތީ ވަޅިން ކުދިކޮށް ކޮށާ އަޅާލާ، ފުރާނަ ދުއްވާލާފައިވަނީ ކުށެއް ނެތް ކިތައް މީހުން ބާވަ އެވެ. ދެލޯ ބޮޑުކޮށްގެން، ގޮތް ހުސްވެ، މި ބިރުވެރި މަންޒަރު ބަލަން ތިބެމެ، ފެންނަ މިފަދަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން ފިލައި ތިބެނީ ކިތައްމީހުންބާވަ އެވެ. މުޖުރިމުންގެ ސިކާރައަކަށް ވެ، އަނިޔާ ލިބި، ފުރާނަ ދާ މީހާގެ ހާލަތު ބަލަން ދުރުގައި ތިބުން ނޫން އެހެން ގޮތެއް ނެތްކަހަލަ އެވެ.

މިއީ މިއަދު އަހަރެމެންގެ މި މުޖުތަމައުގެ ބިރުވެރިކަން އޮތް ހިސާބެވެ. އޮތް ހާލަތެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ހަމަ އެއްވެސް ދިވެހި ދަރިޔަކު މި ދިވެހި ރާއްޖޭގައި ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޮފީހަށް ދާ މީހާ، ނުވަތަ ސްކޫލަށް ދާ ތުއްތު ކުއްޖާ، ނުވަތަ ހަވީރު ފިންޏަށް ހިނގާލަން ނުކުންނަ މުސްކުޅި މަންމަ، ނުވަތަ ބައްޕަ އެނބުރި ގެއަށް އަންނާނޭ ކަމަގެ ޔަގީންކަން ލިބެނީ ފަހެ ކާކަށް ހެއްޔެވެ.

ރަހީނުކޮށްފި އެވެ. ވަޅި ހަރާ މަރާލައިފި އެވެ. ގެއްލިގެން ހޯދަން ފަށައިފި އެވެ. މިއީ އިވިދާނޭ ނުވަތަ ލިބިދާނޭ ހަބަރަކަށް ވުން ގާތެވެ. މި ލިބޭ ހަބަރުތަކުގެ ތެރޭގައި ތިމާގެ ދަރިފުޅު ނުވަތަ ތިމާގެ މަންމަ، ބައްޕަ، ނުވަތަ މާމަ، ކާފަ ވެސް ހިމެނިދާނެއެވެ.

މީގެ އެތަކެއް އަހަރެއްކުރިން، މުޖުރިމުންތަކެއްގެ ސިކާރައަކަށް،ވެ އެފަދަ ވޭންތަކެއް ތަހައްމަލްކުރި ނިކަމެތި ރައްޔިތެއްގެ ވާހަކައެވެ.

"އަހަރެންނަކީ ކަންނެލި މަސްވެރިކަން ކުރާމީހެއް، އެއްދުވަހު ހެނދުނުގެ ވަގުތެއް އެއީ، އަންހެނުންގެ ފޯނުން ވަރަށް ގިނައިން ގުޅާފަ ހުރި، އެގަޑީ އަވަދިނެތި އުލެންޖެހުމުން ފޯނަށް ޖަވާބުދެވޭ ގޮތް ނުވި، ދެން ފަހުން ގުޅާލީމަ، ފޯނަށް ޖަވާބު ދިނީ ދޮށީ އަންހެން ދަރިފުޅު. އެދަރިފުޅު ފުރަތަމަވެސް ރޯން ފެށީ، ދަރިފުޅު ރޮމުން، ބުނީ، ބައްޕާއޭ، ފާޑެއްގެ ޕާޓޭންތަކެއް ބެލްކަނިން ގޭތެރެއަށް ވަދެ، ވަޅިން ބިރުދައްކާ ގޭގައި ހުރި ލާރިކޮޅު ހިފައިގެން ގޮސްފިއޭ، ސުބުހާނަﷲ އަހަރެންނަށް ވީގޮތެއްވެސް ނޭންގުނު، ހިތައްއެރި ނަސީބެކޭ މަގޭ އަނބިދަރިން ސަލާމަތުން ތިބިކަން" ނަންހާމަ ނުކުރުމަށް އެދެމުން އެމީހާ ކިޔައިދިނެވެ.

މިފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިނގަނީ މަދެއްކޮށެއް ނޫނެވެ. މިފަދަ އަނިޔާއެއް، ހިތާމައެއް މި މުޖުތަމައުގައި ދިރިއުޅޭ ނިކަމެތި ރައްޔިތަކު ތަހައްމަލް ކުރަން ނުޖެހޭ ރެޔެއް ދުވާލެއް ނުދެއެވެ. މިފަދަ ހިތާމަވެރި ހަބަރެއް ނޫހެއްގެ ފަލަސުރުހީއަށް ނާރާ ދުވަހަކަށް އިރެއް ނާރަ އެވެ. މުޖުތަމައުގައި މިފަދަ މައްސަލަތައް ހިގާއިރު، ގިނަ ބައެއްގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކަށް ވެފައި އޮންނަނީ، ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަން ތިބޭ، މިފަދަ ކުށްތައް ހުއްޓުވަން ތިބޭ، ފުލުހުން ކޮބާހެއްޔެވެ.؟ އެމީހުން މިކުރަނީ ކީއްހެއްޔެވެ.؟ އެފަދަ ކުށްވެރިން ޖަލުގޮޅިއަށް ލާން ހުކުމް ކުރާ ކޯޓުތައް ކޮބައިހެއްޔެވެ.؟

އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު، އެ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 274 މީހުންނަށް މާފު ދެއްވި އެވެ. އެއީ ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދިން ދިން 18 މީހަކާއި ރައީސް ސޯލިހުގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މާފު ދެއްވި 256 މީހެކެވެ.

އަދި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ. މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް 13 ކުށްވެރިއަކަށް މާފުދީފައިވެ އެވެ. ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން އެ މުއްދަތުގައި ރައީސް މުއިއްޒު މާފު ދެއްވާފައިވަނީ އެންމެ ކުށްވެރިއަކަށެވެ.

މުޅި މުޖުތަމައު ކުށުގެ ވެއްޓަކަށް ބަދަލުވެ، ރެޔާއި ދުވާލު އެތަކެއް ހިތާމަވެރި ލާއިންއިންސާނީ އަނިޔާތަކެއް ނިކަމެތި ރައްޔިތު މީހާއަށް ލިބެމުން އަންނައިރު، މުޖުތަމައުގައި ކުށް ގިނަވަމުންދާ ސަބަބު ހޯ ދުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ނުދާކަމަށާއި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ވެސް ކުރަމުން ނުދިއުން، މިއީ މިކަމުގެ ސަބަބެއް ކަމުގައި ގިނަބަޔަކުދެކެ އެވެ.

އެކިއެކި ބޮޑެތި ކުށްތައް ކޮށްގެން ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު، މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވިފައިވުމަކީ ވެސް މިކަމުގެ ސަބަބެއްކަމަށް ގިނަބަޔަކު ދެކެއެވެ. ބޮޑެތި ކުށްވެރިން އިންތިހާބު ތަކަށް ދޫވުމަކީ ރާއްޖޭގައި ވެސް ވަރަށް އާއްމުކަމެކެވެ.

"ތިދެން އެންމެންނަށް ވެސް އެނގޭ ހަގީގަތެއް، މ ގައުމުގައި ކުއްކުރާ މީހުން ގިނަވެގެން މިއުޅެނީ ކީއްވެކަން ނޭންގޭ ކުދަކުއްޖަކުވެސް ނޫޅޭނެ، އެންމެ ބޮޑު މައްސަލައަކީ މިއަދު ކިތެންމެ ބޮޑު ކުށެއްކޮށްގެން ވިޔަސް ހައްޔަރުކުރާ މީހާ ގެންގޮސް އަނެއް ދިރުން އެ ބޭރުކުރޭ، އެމީހުންނަޏް ހިމާޔަތް ދޭ ބަޔަކު ބޮޑުންގެ ތެރޭގައިވެސް އެބަ ތިބި، އެހެން ވީމަ ވާނެ ގޮތް މިވަނީ،" ސިސްޓަމަށް ނުފޫޒު ފޯރުވައިގެން ގޯސް ހަދާކަން ފާހަގަކޮށް އާންމު ރައްޔިތަކު ބުންޏެވެ.

އާންމުންގެ އިތުރު މީހަކު ބުނީ، ކުށްކުރުން މި ރާއްޖޭގައި މަދު ނުކުރެވޭނޭ ކަމަށާއި، އެކަން ހުއްޓުވަން އެއްވެސް ސަރުކާރަކުން އަދި ސަރުކާރުގެ މުއައްސަސާއަކުން އެދެވޭ މައްސައްކަތެއް  ނުކުރާކަމަށެވެ. އަދި އެކަމުގެ އަޑީގައިވެސް ތިބެނީ ސިޔާސީ ލީޑަރުންނާއި ބޮޑުން ކަމަށް އޭނާ ބުންޏެވެ.

"ނިކަމެތިން ނިކަމެތި ހާލުގައި ނިމިދިއުން ނޫންގޮތެއް މިގައުމުގަ މިހާރު ނެތް. މިއީ މުއްސަނދިންނާ، ސިޔާސީ މީހުންނާ ބޮޑުންގެ ގައުމެއް. މި ދުނިޔޭގަ އުޅެންވެސް ޖެހެނީ އެމީޙުން އެކަނި، އަހަރެމެން އާދައިގެ ނިކަމެތިން އުޅޭނެ ކަމެއް ނެތް." އެމީހާ ބުންޏެވެ.

މުޖުތަމައުގައި ހިނގާ މިފަދަ ލާއިންސާނީ ބޮޑެތި ކުށްތައް މަދުކުރުމަށް ބޭނުންވަނީ ރަނގަޅު ހަރުދަނާ އަދުިލުގެ ނިޒާމެކެވެ. ހަމަ އެގޮތަށް އަދުލުގެ ނިޒާމު ފުރިހަމަކޮށް ދާއިމީ ހައްލެއް ހޯދޭނީ ވެސް ކަމާ ގުޅުންހުރި އިދާރާތައް ވެސް ގުޅިގެން ކުރެވޭ މަސައްކަތުންނެވެ.

ރާއްޖޭގައި ހެދިފައި ހުރި ގާނޫންތައް ރަނގަޅެވެ. ނަމަވެސް އެ ގާނޫނުތައް ތަންފީޒުކުރަން "ދަތި" ވަނީ އެވެ. ނުވަތަ ޖެހިލުންވެ ބިރުގަންނަނީ އެވެ. ކޮންމެވެސް ބާރުގަދަ އަތްތަކެއް އެކަމުގެ ފަހަތުގައި ވަނީބާވަ އެވެ؟! ނިޒާމްގެ ތެރެއިން ސިޔާސީ މަންފާއަށް ސިސްޓަމްގެ ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލައި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅުމަކީ ހައްލު ބޭނުން ކަންބޮޑުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް