މި މައްސަލާގައި އިމިގްރޭޝަނާއި ދެކޮޅަށް ދައުވާކުރަނީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ތެންތެނީ ވަރެން ނަދިޝް ޕެރޭރާ ކިޔާ ލަންކާ ރައްޔިތެކެވެ. މިމީހާ ރާއްޖޭން ޑީޕޯޓްކޮށްލީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އޭނާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓި ނިންމުން ރިވިއުކުރަން އެދިއެވެ.
ލަންކާގެ މި މީމާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ އިމިގްރޭޝަނުން އޭނާއާ މެދު ގޮތް ނިންމައި ރާއްޖޭން ފޮނުވާލިިއިރު އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާކަަމަށެވެ. އަދި އެ މައްސަލާގައި ވަކީލެއްގެ އެހީތެރިކަމަށް އެދެވިދާނެ ކަން އަންގާފައިނުވާކަމަށްވެސް އޭނާގެ މައްސަލާގައި ވަނީ ބުނެފައެވެ.
ވަކީލެއްގެ ހައްގަކީ އަސާސީ ހައްގެއްކަމަށާއި އެ ހައްގުތައް ފޯރުކޮށްނުދީ، އިމިގްރޭޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން އެމީހާ ވަނީ އެދިފައެވެ.
މި މައްސަލައަކީ ޖުޑީޝަލް ރިވިއު މައްސަލައެއްކަމުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެކަމަށް ބުނެ އިމިގްރޭޝަނުން ވަނީ ކޯޓުގައި އިއުތިރާޒުކޮށްފައެވެ. އެހެންނަމަވެސް އެ ހުށައެޅުން ބަަލައި ނުގަނެ ކޯޓުން ވަނީ ޝަރީއަތް ކުރިޔަށް ގެންދަން ނިންމާފައެވެ.