ads
ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު
ބަންކަރިންގެ ހިދުމަތް ކުރިން ނުފެށުނީ އިހު ސަރުކާރު ތަކުގައި ހިތްވަރު ނެތުމުން: މިނިސްޓަރު
ކުރީ ސަރުކާރުތަކަށް ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ނުފެށުނީ އެ ފަރާތްތަކުގެ ހިތްވަރު ނެތުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށައިފަ އެވެ. 

މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ. 

ބަންކަރިން ހިދުމަތް ފައްޓަވައި ދެއްވީ، ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ.

ރާއްޖެއިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަކީ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވިޔަސް މިއަދު އެކަން ހަގީގަތަކަށް ވީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ މިހާރު ވެސް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

your imageއެމްޓީ މެރިން ބެލާ، ކާގޯ ބޯޓާ ކައިރިކުރަނީ -- ފޮޓޯ: އެމްޕީއެލް

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް މިއަދު ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ހިދުމަތް ދޭ ގޮތަށެވެ. 

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބިމެއް ހިއްކައިގެން އެފަދަ ހިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެން ކަމަށެވެ. 

އެގޮތުން، ރާއްޖެއަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފް ޝޯކޮށް ހިދުމަތް ފަށައި ހިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން ކަމަށާއި މީގެ ސަބަބުން ވިޔަފާރިއަށް ފަރިތަވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތުގައި އެންމެ ރަނގަޅު ގޮތަކީ ފަންނުގެ އިސް އަދި ތަޖުރިބާހުރި ބައެއްގެ ފަހަތުގައި ވިޔަފާރި ފެށުމެވެ. އެގޮތުން އޮފް-ޝޯ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތް ފަށައި ބޯޓު ފަހަރު ގެނެސް އޭގެ ފަހުން ބިން ހިއްކައިގެން ބަންކަރިންގެ ހިދުމަތް ދިނުމެވެ.

ނަމަވެސް ބަންކަރިން ހިދުމަތް ފެށުމަށް ޓަކައި މަސައްކަތްތައް ސަރުކާރުން ފެށުމާއެކު ވަރަށް ބޮޑަށް މިކަމާމެދު ޝައްކު ކުރެއްވި އިސްވެރިން ތަކެއް ތިއްބެވިތަން ފެނިވަޑައިގެންކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ތަސައްވުރަކީ ބަނދަރެއް ހަދައި ކޮންޓެއިނާތައް ބެހެއްޓޭނެ ޖާގަ ހަދައި އަންނަ ބޯޓުތަކަށް ރާއްޖޭގެ ރީތިކަމުގެ ފައިދާ ހޯދައި ދިނުން ކަމަށެވެ.

"އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބޭފުޅުން ވެސް ވަހުމުތަކާއި ޝައްކުތައް ކުރުވައި މި ކަން ވިޔަ ނުދިނުމަށް ޓަކައި ހަމަ ފައި ވިއްދާފައި، ރާއްޖެ ބަނގުރޫޓުކުރުމަށް މި ކަން ވެސް ވިޔަ ނުދިނުމަށް ޓަކައި ދެ ލައްކައެއްހައި ރުފިޔާ މުސާރަ ވެސް ނަންގަވައިގެން ހަމަ ރެޔާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ގެންދެވީ،" ސައީދު ވިދާޅުވި އެވެ.
މިފަދަ ހިދުމަތްތައް ކުރީ ސަރުކާރުތަކަށް ނުފެށުނީ އެ ފަރާތްތަކުގެ ހިތްވަރު ނެތުމުގެ ސަބަބުން، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެވޭނެ ދާއިރާތައް ކުރިއެރުވުމަށް" 

އުތުރުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިންގެ ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:

  • ފަޅުވެރިން ބަދަލުކުރުން.
  • ޕްރޮވިޝަން އައި ޝިޕް ސްޓޯސް އަދި ސްޕެއަ ޕާޓްސް އާއި ރިޕެއާ.
  • ސާފު ބޯފެން ފޯރުކޮށްދިނުން.
  • ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ހިދުމަތް

ރާާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހަދެއް ކަމަށާއި މި ސަރަހައްދުން ދުވާލަކު 300އެއްހާ ބޯޓު ހުރަސްކުރާއިރު އޭގެ ކުޑަ އިންސައްތައެއް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން ބަންކަރިންގެ ހިދުމަތް އިތުރަށް ފުޅާކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން 100 މިިލިއަން ޑޮލަރު ނުވަަތަ 200 މިލިއަން ޑޮލަރު ކިޔާކަށް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ހަރަދު ކަނޑައިފައި އެންމެ 1000 ޑޮލަރު ލިބުނަސް ފައިދާއަށް،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތުގައި އެންމެ ރަނގަޅު ގޮތަކީ ފަންނުގެ އިސް އަދި ތަޖުރިބާހުރި ބައެއްގެ ފަހަތުގައި ވިޔަފާރި ފެށުމެވެ. އެގޮތުން އޮފް-ޝޯ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތް ފަށައި ބޯޓު ފަހަރު ގެނެސް އޭގެ ފަހުން ބިން ހިއްކައިގެން ބަންކަރިންގެ ހިދުމަތް ދިނުމެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް މިއަދު ފެށުމަކީ ތާރީހީ ދުވަހެއް ކަމަށެވެ.

your imageއެމްޓީ މެރިން ބެލާ، ކާގޯ ބޯޓާ ކައިރިކުރަނީ -- ފޮޓޯ: ޒުވާން ޖީލު

އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ.

އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

ބަންކަރިން ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދެނީ ސީދާ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް