ads
އޮފްޝޯ ނުވަތަ ބަންކަރިންގެ ބާޖުތައް ބޭނުންކޮށްގެން ބަންކަރިން ހިދުމަތް ދެނީ - ފޮޓޯ: ޒުވާން ޖީލު
ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓައިނާ ޓާމިނަލެއް އަޅަނީ
ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓައިނާ ޓާމިނަލެއް ހަދާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އެވެ.
Advertisement

އެމްޕީއެލްގެ ސީއީއޯ ވަޖީހް މިހެން ވިދާޅުވީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށައިފަ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.

އޮފްޝޯ ނުވަތަ ބަންކަރިންގެ ބާޖުތައް ބޭނުންކޮށްގެން ހިދުމަތް ދޭން މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މެރިޓައިމް ސިނާއަތް ތަރައްގީކޮށް އެ ސިނާއަތުގެ ހިދުމަތްތައް ތައާރަފުކުރުމަކީ އެމްޕީއެލްގެ މަސައްކަތެއް ކަމަށެވެ.  

your imageބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި  -- ފޮޓޯ: ޒުވާން ޖީލު

މެރިޓައިމް ހިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ.

އަދި ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އެމްޕީއެލްއިން ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްގީކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހަމަޖައްސާނެކަމަށެވެ.

"ހޯރަފުށީގެ ފަޅު ހިއްކައިގެން އެތާނގައި ބިމެއް އުފައްދައި އެއްގަމުން ބަންކަރިން ހިދުމަތް ދެވޭނެ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ. ބިން ހިއްކައިގެން އޮއިލް ޓާމިނަލް ގާއިމުކޮށްފައި ބޮޑެތި ޓޭންކަރުތައް ބަހައްޓާނެ. ކޮންޓެއިނާ ޓާމިނަލް ގާއިމުކުރާނެ.،" ވަޖީހު ވިދާޅުވި އެވެ.

އިތުރަށް ވަޖީހު ވިދާޅުވީ ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު އިންޓަނޭޝަނަލް ކޮންޓައިނާ ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި، އެ ޓާމިނަލްވާނީ ގައުމުގެ އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ފޯރުކޮށްދޭނެ ޓާމިނަލަކަށް ކަމުގައި ވަޖީހު ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރުމުގައި ވަށާޖެހޭ ގޮތަކަށް މެރިޓައިމްގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ކުރަމުންއަންނަކަން ވަޖީހު ފާހަގަކުރެއްވި އެވެ. ވަޖީހު ވިދާޅުވީ އުތުރުގެ މެރިޓައިމް ހިދުމަތާއެކު ހއ.އުލިގަމުގައި ގާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެސަރަހައްދުގައި މެރިޓައިމް 14 ހިދުމަތެއް ދޭނެކަމަށެވެ. އަދި މިހާރުވެސް ގްރީކްގެ 17 ބޯޓު އޮންނަ ކުންފުންޏަކުން ފެނުގެ އޯޑަރު ދީފައިވާކަން ވަޖީހު ފާހަގަކުރެއްވި އެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އޮފްޝޯކޮށް މި ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި އެ ސަރަހައްދުން ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމުތަކެއް އެޅުމުން މިކަން ފުރިހަމަ އަށް ކުރެވޭނެ ކަމަށެވެ. 

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް