ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދިނުމުން، ފައްޔާޒުގެ ޝުކުރު އިންޑިއާއަށް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކުރުމަށް އިންޑިއާ ސަރުކާރުން ނިންމުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މިރޭ އިންޑިއާއަށް ޝުކުރު އަދާކޮށްފި އެވެ.
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ. 

އިންޑިއާ ސަރުކާރުން ރާއްޖެއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާ ކުރައްވާ އެކަމަށް އެދިފަ އެވެ.

މިކަމާ ގުޅުވާ ފައްޔާޒު އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި، ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔައި، އިގުތިސޯދު މެނޭޖުކުރަން ނޭނގޭ ކަން ފާހަގަކުރައްވައި، މިކަން ފަހިކޮށްދިނުމުން އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދިން އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، އޭގެ ތަފުސީލްތަކެއް އަދި ނުދެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން އެ ދަތުރުފުޅުގެ ތެރެއިންވެސް މާލީ އެހީތެރިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. 

މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ސަރުކާރުން އަންނަނީ އެހެން ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޗައިނާ އެވެ.

ޗައިނާއިން ވެސް ލޯނުތައް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެގޮތުން ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަމަށް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެކަމަކު އަދި ޗައިނާގެ އެއްވެސް ލޯނެއް ދެއްކުން ފަސްކޮށްދިންކަން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް