ads
ބަންކަރިން ފަށަން ބޭއްވި ރަސްމިއްޔާތުގައި ވިޓޯލްގެ އިސްވެރިން ނޫސްވެރިންނަށް މައުލޫމާތު ދެނީ
ރާއްޖެ އޮތްތަނުގެ އެޑްވާންޓޭޖް އަވަށްޓެރި އެހެން ގައުމަކަށް ނެތް: ވިޓޯލް
ރާއްޖެ އޮތްތަނުގެ އެޑްވާންޓޭޖް އަވަށްޓެރި އެހެން ގައުމަކަށް ނެތް ކަމަށް އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫ އަށް އެސްޓީއޯއަށް ތެޔޮވިއްކާ ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ހޮލެންޑުގެ ވިޓޯލް އިން ބުނެފި އެވެ.
Advertisement

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހެވެ.

އެސްޓީއޯއާއެކު ޕާޓްނާޝިޕް ވެގެން ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި މިއަދު ފެށި ވިޓޯލް އިން ހޯރަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އިސް އޮފިޝަލް ކެޕްޓަން ރެޝަބް ވިދާޅުވީ އެހެން ގައުމުތަކަށްވުރެ ރާއްޖެ އަށް ބަންކަރިންގައި ހުރި އެޑްވާންޓޭޖުތައް ގިނަ ކަމަށާ، އެ ކުންފުނިން ރާއްޖޭގައި މި ވިޔަފާރި ފެށީ އެހެންވެ އެވެ.  

ވިޓޯލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޮޑު އެޑްވާންޓޭޖްއަކީ ދުނިޔޭގެ ބޮޑެތި ޕޯޓްތަކަށް ބަންކަރިންގެ ތެޔޮ ފޯރުކޮށް ދިނުން ކަމަށާ މި ތަޖުރިބާ އެސްޓީއޯ ހިއްސާކޮށްގެން ކުރިއަށް ދާނެ އެވެ.

ވިޓޯލްގެ ބަންކަރިން ވިޔަފާރީގެ ސަޕްލައި ހަބްތައް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސް އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުންނަކަން ފާހަގަކުރައްވައި އޮފިޝަލް، ވިދާޅުވީ މިދިޔަ އަހަރު ދުނިޔޭގެ ބަންކަރިން ޑެލިވަރީ މާކެޓުގެ ހަ ޕަސެންޓް ފޯރުކޮށްދީފައި ވަނީ އެ ކުންފުނިން ކަމަށެވެ.

ރާއްޖޭން އޮފްޝޯވްކޮށް ބަންކަރިން ފެށިިއިރު އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އިން ބަނދަރު ހަދައިގެން މި ހިދުމަތް ދެމުންދާ ކަމަށާ އެކަމުގެ ސަބަބުން ރާއްޖެއަ ށް އޮތް ފުރުސަތު ހަނި ވެދާނެ ތޯ ވިޓޯލްގެ އޮފިޝަލްއާ ސުވާލުކޮށްފަ އެވެ. 

މި ސުވާލުގެ ޖަވާބުގައި ވިޓޯލް ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބޮޑެތި ބޯޓު ފަހަރުތަކުގެ އޯނަރުން ބަލާނީ ހަމައެކަނި ތެޔޮ ވިއްކާ އަގަށް ނޫން ކަމަށާ މި ވިޔަފާރީގައި ހިދުމަތްދޭ ރޫޓަކީ އެންމެ މުހިންމު އެއް ބައެވެ .އަދި  ބޯޓު ފަހަރުގެ ވެރިން ބަލާނީ މިކަމުގައި ދެވޭ ފުލް ޕެކޭޖަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ރާއްޖެ އޮތްތަނުގެ އެޑްވާންޓޭޖް އަވަށްޓެރި އެހެން ގައުމަކަށް ނެތް، ރާއްޖެއާ [އަވަށްޓެރި] ބަނދަރުތަކުގައި މުޅި އަހަރު ބަންކަރިން ހިދުމަތެއް ނުދެވޭނެ މޫސުން އޮންނަ ގޮތުން. އެކަމަކު ރާއްޖޭގައި މުޅި އަހަރު ވެސް މިކަން ކުރެވޭނެ. ސެކިއުރިޓީ ވެސް ބަލާނެ،" ޖަބަލްއަލީ ބަނދަރަށް "ބަޔޯ ފިއުލް" ސަޕްލައިކުރާ ކުންފުނީގެ އޮފިޝަލް ރެޝަބް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެ ހިދުމަތް ކުރިއަށް ގެންދާނީ ދެ ވައްތަރެއްގެ ކާގޯއިން ކަމަށެވެ.

އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކައި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ، އޮފްޝޯކޮށް މި ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި އެ ސަރަހައްދުން ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމުތަކެއް އެޅުމުން މިކަން ފުރިހަމަ އަށް ކުރެވޭނެ ކަމަށެވެ. 

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް