ads
އެމްޓީ މެރިން ބެލާ، ކާގޯ ބޯޓާ ކައިރިކުރަނީ -- ފޮޓޯ: އެމްޕީއެލް
އޮފްޝޯކޮށް ބަންކަރިން ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން، ފިއުލް ފާމުތަކެއް ބޭނުން
އޮފްޝޯކޮށް ބަންކަރިން ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން، ކަމަށާއި ރަނގަޅު ފިއުލް ފާމުތަކެއް ބޭނުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިމާދު މިހެން ވިދާޅުވީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝިމާދު ވިދާޅުވީ އިގްތިސާދީގޮތުން ކުރިއަރާފައިވާ ގައުމުތަކަށް ވެސް ކަމެއް ހާސިލް ކުރެވުނީ ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި އެންމެ ބޮޑު ވިޝަނަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެއްވުން ކަމަށެވެ. 

އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ އެ މަސައްކަތްޕުޅުގެ ދަށުންކަމަށް ޝިމާދު ވިދާޅުވި އެވެ.

your imageއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް

ޝިމާދު އިބްރާހިމް ވިދާޅުވީ، އޮފްޝޯކޮށް މި ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި އެ ސަރަހައްދުން ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމުތަކެއް އެޅުމުން މިކަން ފުރިހަމަ އަށް ކުރެވޭނެ ކަމަށެވެ.  

ބަންކަރިންގެ ހިދުމަތް މިއަދު ފަށަނީ ޑީސަލްގެ އިތުރުން ބޮޑެތި އާގު ބޯޓުފަހަރަށް ބޭނުންވާ ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) އާއެކު ކަމަށް ޝިމާދު ވިދާޅުވި އެވެ.

"ވިޓޯލް އާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން،" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށަނީ ޒީރޯ ވޯކިން ކެޕިޓަލްގަ އެވެ. 

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓައިނާ ޓާމިނަލެއް ހަދާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވަނީ ވިދާޅުވެފަ އެވެ. 

your imageބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި -- ފޮޓޯ: އެމްޕީއެލް

މެރިޓައިމް ހިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ.

އަދި ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އެމްޕީއެލްއިން ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްގީކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހަމަޖައްސާނެކަމަށެވެ 

ވަޖީހު އިތުރަށް ވިދާޅުވީ މިއަދު ފެށުނު ބަންކަރިން ހިދުމަތަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަންފާކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ބަންކަރިންއާއެކު ފަށާ 14 ހިދުމަތުގެ ތެރެއިން ތިލަދުންމަތީގައި އެކި މަސައްކަތްކުރާ ވިޔަފާރިތަކާއި ފަރުދުންނަށް ފައިދާކުރާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށައިފަ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް