ކާވާ އަންހެނުންގެ ކްލަބު މުބާރާތް ކުޅެނީ މާލޭގައެވެ. މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.
ނޭޕާލް ޕޮލިސް ކްލަބާ ވެމްކޯގެ މެޗުން ނޭޕާލް މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ ވެމްކޯއިންނެވެ. ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ ޖެހިގެން އައި ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު 25-21 އިން ވެމްކޯއިން ކާމިޔާބުކުރި ނަމަވެސް، ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ ހަތަރުވަނަ ސެޓު 25-18 އިން ގެންގޮސްފައެވެ.
ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު ނޭޕާލުގެ ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 15-13 އިންނެވެ.