އެންމެ ފަހުން 2022 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގެ މުޅި އާބާދީއަކި 515،122 (ފަސްލައްކަ ފަނަރަ ހާސް އެއް ސަތޭކަ ބާވިސް) އެވެ. އެއީ ރާއްޖޭއަށް ނިސްބަތްވާ 382،751 (ތިންލައްކަ އަށްޑިހަ ދެ ހާސް ހަތްތަސޭކަ ފަންސާ އެއް) ދިވެހިންނާއި، 132،371 ބިދޭސީންނާއި އެކުގައެވެ. ރާއްޖޭގެ ޖުމުލަ އާބާދީގެ 26 އިން ސައްތަ ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށް ބޯހިމެނުންތަކުން ދައްކައެވެ.
މާލެ ސަރަހައްދަށް އެކަނި ބަލާއިރު ވެސް، 52 ހާހަށް ވުރެ ގިނަ ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ގަވައިދާއި ހިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ ބިދޭސީންވެސް ގިނަ އަދަދަކަށް ހިމެނޭކަމަށް ދައުލަތުގެ އެކި މުއައްސަސާތަކުން ތަކުރާރުކޮށް ބުނަމުން ދެއެވެ.
ބިދޭސީންނޭ ބުނީމާ އޭގެތެރޭގައި އަވައްޓެރި ގައުމުތައް، އިންޑިއާ، ބަނގުލަދޭޝް، ނޭޕާލް، ފިލިޕިންސް ފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ. އެކި އެޖެންސީތައް މެދުވެރިކޮށް، އެކި ގައުމުތަކުން ރާއްޖެއަށް އެތެރެވާ ބިދޭސީން އަންނަނީ އެކި ދާއިރާތަކުގެ މަސައްކަތްތައް ކުރުމަށެވެ. ސްކޫލުތަކަށް ކިޔަވައިދޭ ޓީޗަރުންގެ ގޮތުގައި އެއްބަޔަކު ރާއްޖެ އަންނައިރު، އަނެއްބަޔަކު އަންނަނީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށެވެ. އަނެއްބަޔަކު ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ގެންނަ ގޭގައި މަސައްކަތް ކުރުމަށް ވެސް ބިދޭސީން ގެނެއެވެ.
މިހެން ރާއްޖެ އައިސް އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން، ހެދިފައި އޮންނަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅެމުން އަންނައިރު، މި މީހުންގެ އަމަލުތައް ހުންނަގޮތުން، މުޖުތަމައުގެ ތެރޭގައި ތަފާތު ނުރައްކާތެރި އެކި ބާވަތުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މާރާމާރީ އާއި، ފޭރުމާއި، ކުޑަކުދިންނަސް ޖިންސީ ގޯނާކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރުން، އެހެނިހެން ބައެއް ވަގު ވިޔަފާރިތައް ކުރުމުގައި ވެސް ބައެއް ބިދޭސީން އުޅޭކަން ވަނީ ފާހަގަވެފައެވެ.
ފެންނަން އޮތް ހަގީގަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވެސް އިތުރުވެ، ގައުމުގެ އިގްތިސާދުން އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރަކުވެސް ބިދޭސީން ބޭރުކުރާކަމެވެ. އަދި ޑޮލަރުގެ ވަގު ވިޔަފާރީގައިވެސް އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ބިދޭސީންކަމެވެ.
ބައެއް ބިދޭސީންގެ އަމަލުތައް ހުންނަ ގޮތުން ދިވެހީންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެކަމުގައި އޮންނައިރު، ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަންވެސް ވަނީ ވެރިވެފައެވެ. މިފަދަ ކަންބޮޑުންތަކުގެ ސަބަބުން ބިދޭސީންނާއި މެދު ދިވެހިންގެ ހިތްތަކުގައި އޮންނަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ވެސް އިތުރުވެފައެވެ.
ދެން އުފެދޭ ސުވާލަކީ ބިދޭސީން ރާއްޖެ އެތެރެކުރާ އެޖެންސީތައް ނުވަތަ ފަރާތްތަކުން އެމީހުންނާއި މެދު އަމަލުކުރަމުން އަންނަނީ އެންމެ ރަނގަޅަށްތޯ؟
ހަގީގަތަށް ބުނާނަމަ ރާއްޖޭގައި އުޅޭ ގިނަ ބިދޭސީންގެ ހާލަތު އެންމެ ބޮޑަށް ގޯސްވާން ދިމާވާ އެންމެ ބޮޑުއެއް ސަބަބަކަށް ވެފައިވަނީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ހަރުދަނާ ނިޒާމެއް އޮތް ނަމަވެސް އެ ނިޒާމަށް އަމަލުކުރެވެމުން ނުދިއުމެވެ. ބިދޭސީންނަށް ވަޒީފާގެ ހައްގުތައް ކަށަވަރުކޮށް ދޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނުވާއިރު، ރާއްޖޭގެ ވަޒީފާ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައްވެސް ކަށަވަރު ކޮށްދެވިފައި ނުވެއެވެ.
އަނެއްކަމަކީ އެމީހުންގެ ބަލަދުވެރި ފަރާތުގެ އެއްވެސް އެހިތެރިކަމެއް އަޅާލުމެއް ވެސް ނުލިބުމެވެ. ބެލެނިވެރި ފަރާތުގެ އެއްވެސް އަޅާލުމެއް ނުލިބި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނައިރު، އެފަދަ މީހުންނާއި އަޅާލާނޭ ފަރާތެއްވެސް ނުވެއެވެ. އެކަމުގެ ސަބަބުން ވަންނާނޭ ތަނެއް، ވަޒީފާއެއް ނެތި އެގޮތް މިގޮތަށް އުޅެން ޖެހިފައިވާ ބިދޭސީން އެބައުޅެއެވެ.
މިއީ ބިދޭސީން ގޮވައިގެން އެކި ވިޔަފާރިތަކުގައި އުޅޭ މެދުފަންތީގެ ވިޔަފާރިވެރިއެއްގެ ޝުއޫރެވެ. އޭނާ ބުނިގޮތުގައި ގިނަ ބިދޭސީން، ހާއްސަކޮށް ބަންގުލަލަދޭޝް މީހުން މިގައުމުގަ ގިނަވެ، ކުއްކުށަށް އަރައިގަންނަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ވެސް އެމީހުންގެ ބަލަދުވެރި ފަރާތުގެ އެއްވެސް އެހީތެރިކަމެއް ނުލިބުމެވެ.
ބިދޭސީންނާއި ދިވެހީންނާއި ދެމެދު އޮންނަ ތަފާތުކުރުންތަކުގެ ވާހަކަތައް
މޯލްޑިވްސް ބިއުރޯ އޮފް ސްޓޭޓިސްޓިކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު،ރާއްޖޭގައި 177،585 ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ 63 އިން ސައްތަ އަކީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދަކީ 181،144 އެވެ. ނިސްބަތުން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށްވުރެ، ބިދޭސީން ގިނަކަމަށް ފަތާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ތަފާސް ހިސާބު ބުނާގޮތުން ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ދިރިއުޅެނީ ބަނގުލދޭޝް މީހުންނެވެ. ދިވެހިރާއްޖޭގައި ލޭބަރުން ފަދަ އެންމެ ދަށް ފަންތީގެ މަސައްކަތް ތެރިންގެ ގޮތުގައި ގިނައަދަދަކަށް ބަނގުލަދޭޝް މީހުން ދިރިއުޅޭއިރު ދިވެހިންގެ ތެރެއިން ބަޔަކު ބަގުލަދޭޝް މީހުންދެކެ ރުޅި އައިސް "ބަންގާޅިން" އެއީ ހުތުރު ބަހެއްކަމަށް މިވަނީ ހަދާފައެވެ. ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ޔޫރަޕު މީއާއަށް ރަސްކަލެއް ގޮތަށް ހިތާއިރު "ބަންގާޅު" މީހާއަށް ހިތަނީ "އަޅެއްގެ އުސޫލުން" ނެވެ. މިހެން ކަމުން ބައެއް ދިވެހިންގެ ގަބޫލުކުރުންތައް ވެސް އިންސާފުވެރި ނޫންކަން ހާމަވެއެވެ.
ރާއްޖޭގެ އާބާދީ ނިސްބަތަށް ބަލާނަމަ، މަސައްކަތްތެރިން ބޭރު ގައުމުތަކުން ގެންނަންޖެހޭތަ؟
"ސީއެންއެމް" އާއި ވާހަދައްކަމުން މޯލްޑިވްސްް އެސޯސިއޭސަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭސީއައި) ގެ ޖެނެރަލް ސެކްރެޓަރީ އަދުނާން ހަލީމް ވިދާޅުވީ ދިވެހިންގެ ތެރޭގައި ހީވާގި އަދި ހުނަރުވެރިން ތިބި ނަމަވެސް ބިދޭސީން ރާއްޖެ ނުގެން ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގަން ދަތިކަމަށެވެ. އެއީ ދިވެހިންގެ އާބާދީ ވެސް މަދު ކަމުންނެވެ.
އަދުނާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މަސައްކަތް އިންތިހާއަށް ގިނަވެފައިވާ ކަމަށާއި އެވަރަށް ރާއްޖޭގައި އާބަދީ ނެތްކަމަށެވެ. އަދި ކޮންސްޓްރަކްސަން މަސައްކަތަކީ ގިނަ އަދަދަކަށް މަސައްކަތު މީހުން ބޭނުންވާ، ގިނަވަގުތު މަސައްކަތުގައި އުޅެން ޖެހޭ ދާއިރާއަކަކަށް ވުމުން އެވަރަށް ދިވެހިން ނުލިބޭކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އޭނާ އަކީ ބިދޭސީން ގޮވައިގެން ވިޔަފާރީ ކުރަމުން އަންނަ މީހެއް ކަމަށާއި މިހާތަނަށް ކުރެވިފައި ހުރި ތަޖުރިބާތަކަށް ބަލާއިރު، މި ރާއްޖޭގައި ބިދޭސީންނާ ނުލައި އެއްވެސް ކަމެއް ފުރިހަމަވާން ނެއްކަމަށެވެ.
އާންމުރައްޔިތުންގެ ހިޔާލު ތަފާތު:
މި ކަމުގައި އާންމު ރައްޔިތުންގެ ހިޔާލުވެސް ތަފާތެވެ. ބައެއް މީހުން ދެކޭގޮތުގައި ދިވެހިރާއްޖެއަށް ބިދޭސީންގެ މުހުންމުކަން ނުހަނު ބޮޑެވެ.
އަނެއްބައި އާންމު ރައްޔިތުން ދެކޭގޮތުން ދިވެހިރާއްޖޭގައި ބިދޭސީން ނޫޅުނަސް ދިވެހިންނަށް ދިވެހިންގެ ކަންކަން ކުރެވޭނެއެވެ.
ބައެއް ދިވެހިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ބިދޭސީންގެ ސަބަބުން ދިވެހިންނަށް ވަޒީފާތައް ލިބުމަށް ދަތިތަކެއް ކުރިމަތިވެއެވެ. ރިސޯޓުތަކާއި ވިޔަފާރިތަކުގައި ދިވެހިންނަށް އަދާކުރެވޭފަދަ ވަޒީފާތަކުގައި ބިދޭސީން ވަކިހިއްޕައިލައިފައި ތިބުމުގެ ސަބަބުން، ދިވެހިންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ގެއްލި، ވަޒީފާނުލިބިގެން އުޅެންޖެހޭ ދިވެހިން ގިނަވެއެވެ.