މިހާތަނަށް ސާފުކުރި ހުރިހާ ވޯޓެއްގެ ޖުމްލައަށް ބަލާއިރު، އޭކޭޑީގެ ގޮތުގައި މަޝްހޫރު އަނޫރާ އޮތީ 53 ޕަސެންޓަށްވުރެ މަތީގަ އެވެ. ދެ ވަނަ އަށް އޮތް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 20 ޕަސެންޓެވެ. ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ ތިންވަނައިގައި 18 ޕަސެންޓް ވޯޓާ އެކުގަ އެވެ.
ލަންކާގެ ކުރީގެ ސްޕޯޓްސް މިނިސްޓަރު ނަމާލްގެ ކެމްޕެއިނުން ވަނީ އަނޫރާ އިންތިހާބު ކާމިޔާބުކުރައްވައިފި ކަމަށް ބުނެ ބަލި ގަބޫލުކޮށްފަ އެވެ. ނަމާލް އަށް އަދި މިހާތަނަށް ސާފުކުރި ނަތީޖާއިން ލިބިވަޑައިގަތީ ފަސް ޕަސެންޓެވެ. މިފަހަރު ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓް ކަމަށްވާ ނަމާލް އޮތީ ފަސް ވަނަގައި އެވެ.
ލަންކާގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރެއްވި ނަމާލްއަކީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ. އަދި ލަންކާގެ ކުރީގެ ރައީސް ގޮތަބަޔައަކީ އޭނާގެ ބޮޑުބޭބެ އެވެ.
ނަމާލް މި އިންތިހާބުގައި ވާދަކުރެއްވީ ސްރީ ލަންކާ ޕޮދޫޖަނާ ޕެރަމުނާ(އެސްއެލްޕީޕީ) ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެވެ.
"އެސްއެލްޕީޕީ"އަކީ ރާޖަޕަކްސަގެ ޕާޓީއެވެ. ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވި މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި މަހިންދަގެ ކޮއްކޯފުޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެސް ޕާޓީއެވެ.
އެސްއެލްޕީޕީ އިން ރިޔާސީ ޓިކެޓް ހޯދުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ބިލިއަނަރު ދަމިނިކަ ޕެރޭރާ ވެސް މަސައްކަތްކުރެއްވި އެވެ. އެކަމަކު އޭނާ ވާދަ ނުކުރައްވަން ނިންމެވުމާ އެކު ނަމާލް އަކީ އެސްއެލްޕީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިއުލާނުކުރި އެވެ.
އުމުރުން 38 އަހަރުގެ ނަމާލް އަކީ މިފަހަރު ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެންމެ ހަގު - ޒުވާން ކެންޑިޑޭޓެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ 2010 ވަނަ އަހަރު ހަމްބަންޓޯޓާ ޑިސްޓްރިކްޓަށް ވާދަކޮށެވެ. އޭނާގެ ބައްޕާފުޅު ރައީސްކަމަށް ވަޑައިގަތީ ހަމްބަންޓޯޓާގެ މެންބަރުކަން 16 އަހަރު ކުރެއްވުމަށް ފަހު 2005 ވަނަ އަހަރު އެވެ.
2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ އިނދަޖެހުމާއެކު ރައްޔިތުން ރިޔާސީ ގަނޑުވަރަށް އަރައިގަތުމާއެކު ނަމާލްގެ ބޮޑުބޭބެ ގޮތަބަޔާ ރާޖަޕަކްސައަށް ޖެހިވަޑައިގަތީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ގައުމުން ފިއްލަވާށެވެ. އަދި ގައުމުން ފިއްލެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވާށެވެ.
މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހު އާއްމުން ގަނޑުވަރު ހިސޯރުކޮށްގެން ނުނިކުމެ ފަސް ދުވަސް ވަންދެން ތިއްބެވެ. އޭރު އާއްމުވި ފޮޓޯތަކުން ފެންނަނީ ޕޫލަށް އެރި އުޅޭ މަންޒަރާއި ކޮޓަރިތަކުގައި ނިދާ، ބަދިގޭގައި ކައްކައި ހެދި މަންޒަރެވެ.
ޒުވާން ނަމާލްގެ ނާކާމިޔާބީގެ ފަހަތުގައި ވަނީ މީގެ ދެ އަހަރު ކުރިން ލަންކާ ބަނގުރޫޓުވުމާ އެކު އުފެދުނު ހަމަނުޖެހުންތަކުގައި ނަމާލްގެ ބޮޑުބޭބެ އަދި މުޅި އާއިލާ ދެކެ ލަންކާ ރައްޔިތުން ކެކި އުތުރި އެރުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އަނެއްކޮޅުން ރަނިލް ގެ ވެރިކަމުގައިވެސް ޕާޓީގެ ފުރަގަހުގައި ތިއްބަވައިގެން ރާޖަޕަކްސަގެ އާއިލާއިން (މަހިންދަ އާއި ގޮތަބަޔަ) ގެންދެވީ ރަނިލްގެ ސަރުކާރަށާ އަދި ސްރީލަންކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވުން އެއީ ނަމާލްގެ ނާކާމިޔާބީގެ އަނެއް ސަބަަބެވެ.
ރައީސް ކަމުގެ މަގާމު ހުސްވުމުން އެމަގާމަށް ރަނިލް އިންތިހާބުކުރީ ސްރީލަންކާގެ ޕާލަމެންޓުންނެވެ. ރަނިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ޕާލަމެންޓްގައި ލިބިފައިވަނީ އެންމެ ގޮނޑިއެއްކަމުން ރަނިލް ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ ގޮތަބަޔަގެ ޕާޓީ ކަމަށްވާ ސްރީލަންކާ އެސްއެލްޕީޕީ ގެ ފުރިހަމަ ތާއީދާއެކުގަ އެވެ.