ads
ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަ ސިންހާ، ގާނޫނު ހަދާ މަޖިލީހުގައި. -- ފޮޓޯ: އޭއެފްޕީ
ލަންކާ ރައްޔިތުން އެވަނީ ރަނިލްގެ "ރިކަވަރީ ޕްލޭނަށް" ނޫނެކޭ ބުނެފައި
ލަންކާ - އިއްޔެ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ އެކު މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ "ރިކަވަރީ ޕްލޭނަށް" ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް ލަންކާގެ ރައްޔިތުން ބުނެފި އެވެ.
Advertisement

ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންހާގެ އިތުރުން އިދިކޮޅުން ސަޖިތު ޕްރެމަދާސާ، އަނޫރާ ކުމާރަ ޑިސެނަޔަކަ އަދި ނިމާލް ރާޖަޕަކްސާ މި އިންތިހާބުގައި ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބުގެ ތެރެއިން ގިނަ ޑިސްޓްރިކްގެ އަގުލަބިއްޔަތު ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކަ(އޭކޭޑީ) ހޯދާފައިވާ އިރު މިހާތަނަށް އިއުލާން ކުރި ވަގުތީ ނަތީޖާ އިން ވެސް ކުރީގައި އުޅެނީ އޭކޭޑީ އެވެ.

އެ ކާމިޔާބީ ފާހަގަކުރަމުން ނޭޝަނަލް ޕީޕަލްސް ޕަވާ ޕާޓީގެ މެންބަރަކު ލަންކާގެ މީޑިއާއަށް ބުނީ ދަރަނި އަލުން އެކުލަވާލުމުގެ މަސައްކަތްތަކުގެ ތެރެއިން ބޮންޑް ހޯލްޑަރުންނާ އެކު ރަނިލް ކުރެއްވި މަސައްކަތުގެ ހުރިހާ ގެއްލުމެއް ވެގެން ދިޔައީ ލަންކާގެ ޕްރައިވެޓް ކުންފުނިތަކުގެ ވިޔަފާރިތަކަށް ކަަމަށެވެ.

އޭނާ ބުނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލްއައުޓް ޕެކެޖްގެ ހަރުކަށި ކަމުގައި ރަނިލްގެ ސަރުކާރުން "ގުރުބާން" ކުރީ ލަންކާގެ ނިކަމެތި ރައްޔިތުން ކަމަށެވެ. ނަތީޖާއަކީ 2022 ވަނަ އަހަރުން ފެށިގެން ރައްޔިތުން އުޅެންޖެހުނު ދަތި ދިރިއުޅުން ތަހައްމަލު ނުކުރެވި އެތައް އާއިލާއެއް މަގުމަތިވެ ބައެއް މީހުން ލަންކާއާއި އަބަދަށް(މަރު) ވަކިވެފައިވާ ކަމަށެވެ.

މިއަދު ހެދުނު ލަންކާގައި އިންތިހާބަށް އިއުލާންކުރި ކާފިއު އުވާލުމުން މަގުމަތީ އުފާފާޅު ކުރަމުންދިޔަ ރައްޔިތަކު ބުނީ މި އިންތިހާބަކީ ދަތި އުނދަގުލުގައި ރައްޔިތުން ތިއްބާ ބޭއްވި އިންތިހާބެއް ކަމަށާއި އިންތިހާބަށްޓަކައި ރައްޔިތުން ކުރަމުން އައީ "ބަދަލެއް" ގެ އިންތިޒާރެއް ކަމަށެވެ. ފަގީރުކަމުގައި ނިކުމެ ރައްޔިތުން ނިންމި ނިންމުމުން މުޅި ލަންކާ އަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ މި ނަތީޖާ އިން ރަނިލް އޭނާގެ ސިޔާސީ އެކުވެރިން ކަމުގައިވާ ރާޖަޕަކްސަގެ އާއިލާއަށް (މަހިންދަ އާއި ގޮތަބަޔަ) ރައްޔިތުން ނޫނެކޭ ބުނެފި ކަމަށެވެ.

"ވަރަށް ސާފު އިބާރާތުން ލަންކާ ރައްޔިތުން އެވަނީ ބޮޑުކޮށް ރައީސް ރަނިލްގެ ޑްރާމާ އަށް ނޫނެކޭ ބުނެފައި. ވަރަށް ބޮޑުކޮށް ނޫނެކޭ އެ ބުނީ ރަނިލްއަށް ގޮތަބަޔަގެ ޕާޓީ ކަމަށްވާ ސްރީލަންކާ އެސްއެލްޕީޕީ މެންބަރުން ޕާލަމެންޓުން ވޯޓު ދީ ރައީސް ކަމަށް ރަނިލް ގެނައުން ވެސް ރައްޔިތުންނަށް ކަމުނުދާތީ،" ލަންކާ ރައްޔިތެއްކަމުގައިވާ ހިލްމާ ބުންޏެވެ.

ލަންކާގެ އިތުރު ރައްޔިތަކު ބުނީ ރަނިލްއަކީ ކޮރަޕްޓް ބޭފުޅެއްކަމަށް މުޅި ސްރީލަންކާގައި އަށް ނަން މަޝްހޫރު ބޭފުޅެއް ކަމަށާއި އިންތިހާބަށް ކުޑަތަންވަނިކޮށް އެމީހުން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ނިކަމެތިންގެ ތާއީދު ހިސާބު އަކުރުން ދައްކުވައިދޭނެ ކަމަށެވެ. ވޯޓުން ރައްޔިތުން އިންތިހާބު ކުރި މީހަކު އިސްތިއުފާ ދިނުމުން އަވަސް އިންތިހާބެއް ލަސްނުކޮށް ބާއްވަން ޖެހިއްޖެ ކަމަށެވެ. 

"ރައްޔިތުން ކެތްތެރިކަމާ އެކު ތިބީ މި އިންތިހާބު ބޯމަތީގައި އޮތީމަ. މިއޮތީ އެކަން ކޮށްފައި،" ދާހިލީ ހަނގުރާމައިގައި ތަމަޅައިންގެ އަނިޔާ ވެސް ތަހައްމަލު ކުރަން ޖެހުނު މީހަކު ބުންޏެވެ.

ކުރިން 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ އަނދަވަޅާއި ކުރިމަތިލާން ޖެހުނީ އިގުތިސޯދީ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ މަހިންދަގެ ވެރިކަމުގައި ބޭރުގެ އެކި ފަރާތްތަކުން 36 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުންނެވެ. އެންމެ ގިނައިން ލޯނު ނަގާފައި އޮތީ ޗައިނާއިންނެވެ. ދަރަނިތައް އަނބުރާ ދައްކަން ޖެހުނު ދުވަސްވަރާ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރާ ދިމާވުމުގެ ސަބަބުން ލަންކާއަށް ބޭރު ފައިސާ ވަންނަ މަގު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ހުއްޓުނެވެ.

your imageސްރީ ލަންކާގައި އިގްތިސާދީ ހާލަތު އެންމެ ގޯސްވި 2022 ވަނަ އަހަރު ތެޔޮ ލިބުން ދަތިވެފައި އޮތް އިރު، ތެޔޮ ވިއްކާ ތަނެއްގެ ބޭރުގައި އާންމުން ކިއޫ ހަދާފައި. - ފޮޓޯ: އޭއެފްޕީ

އެހެންވެ، ދަރަނިތައް ނުދެއްކި، ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ހުސްވެ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަން ފެށުމާ އެކު 2021 ވަނަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ރައްޔިތުން ވަނީ ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް ތެދުވެފަ އެވެ. ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށި އެވެ. އަދި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދަރަނި ދެއްކޭނެ ގޮތް ހުސްވެ، ބަނގުރޫޓުވެފައިވާކަން ވަނީ އިއުލާނުކޮށްފަ އެވެ.

އަދި މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ސްރީ ލަންކާ އިގްތިސާދީ ބޮޑު އަނދަވަޅަށް ވެއްޓުމާ އެކު، އަދި ރައްޔިތުން ކެކި އުތުރި އެރުމުން ކެތް ނުކެރިވެން އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ގައުމު ދޫކޮށް ފިއްލަވައިފަ އެވެ. އަދި ފަހުން މަގާމުން އިސްތިއުފާ ދެއްވި އެވެ.

your imageރައީސް ރަނިލް ވިކްރަމަސިންހަގެ ޕޯސްޓަރެއް: ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ވިކްރަމަސިންހައަށް ލިބިވަޑައިގަތީ ތިން ވަނައަށް އެންމެ ގިނަ ވޯޓު - ފޮޓޯ/ ރޮއިޓާސް

ރައީސް ކަމުގެ މަގާމު ހުސްވުމުން އެމަގާމަށް ރަނިލް އިންތިހާބުކުރީ ސްރީލަންކާގެ ޕާލަމެންޓުންނެވެ. ރަނިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ޕާލަމެންޓްގައި ލިބިފައިވަނީ އެންމެ ގޮނޑިއެއްކަމުން ރަނިލް ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ ގޮތަބަޔަގެ ޕާޓީ ކަމަށްވާ ސްރީލަންކާ ޕުދުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ފުރިހަމަ ތާއީދާއެކުގަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބެއިލްއައުޓްގެ ދަށުން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިން 2.9 ބިލިއަން ޑޮލަރު އެހީތެރިކަމާ އެކު އިގުތިސޯދީ ގޮތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

އެހެންވެ، އެ ގައުމުގެ އިގުތިސޯދީ ދުވެލި މި އަހަރު ތިން އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި، ބޮންޑް ހޯލްޑަރުންނާ އެކު 12.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ފައިނަލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ވައުދުވެ، އައިއެމްއެފްގެ ބެއިލް އައުޓް ޕެކޭޖުގެ ތެރޭގައި ދެމިތިބޭނެ ކަމަށް މި އިންތިހާބުގައި އެންމެ ކުރީސަފުން ވާދަކުރެއްވި ބޭފުޅުން ވެސް ވަނީ ވައުދުވެވަޑައިގަންފަ އެވެ.

ކޮންމެއަކަސް ގޮތަބަޔަގެ ވެރިކަމުގައި ސްރީލަންކާ ވެއްޓުނު އިގްތިސާދީ އަނދަވަޅުން އެގައުމު ސަލާމަތް ކުރެއްވި ބޭފުޅަކީ ރަނިލްކަމަށްވާތީ އެއީ ކެންޕޭންގައި ރަނިލްއަށް ލިބިވަޑައިގަންނަވާނެ ބޮޑު ކްރެޑިޓެއްކަމަށް ހުދު ރަނިލް އަދި އޭނާގެ ސަޕޯޓަރުން ގަބޫލުކުރި އެވެ. 

your imageސްރީ ލަންކާގެ އިގްތިސާދީ ހާލަތު 2022 ވަނަ އަހަރު އެންމެ ބޮޑަށް ގޯސްވި އިރު ތެލާއި ގޭސް ފަދަ އަސާސީ ތަކެއްޗަށް ޖެހި އެ ހޯދަން އާންމުން ކިއޫގައި އެތައް ގަޑިއިރަކު ހޭދަކުރަން ޖެހުނަސް މިހާރު ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެފައި - ފައިލް ފޮޓޯ: އޭއެފްޕީ

ގާތްގަނޑަކަށް 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ވޯޓުލުމުގެ ހައްގު 17 މިލިޔަން މީހުންނަށް މި އިންތިހާބުގައި ލިބުނެވެ. އަދި ވޯޓުލީ މީހުން އެދޭ ގޮތަކީ ކޮބާ ކަން މިހާރު ވަނީ ސާފުވެފަ އެވެ. 

އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އައިއެމްއެފްގެ ބެއިލްއައުޓް ޕެކެޖްގެ ހަރުކަށި އިސްލާހުތަކާ ގުޅިފައިވާ ރަނިލްގެ އިގްތިސޯދީ ޕްލޭނަކީ ސްރީލަންކާގެ ރައްޔިތުންގެ ނުތަނަވަސްކަމުން އަރައިގަތުމަށް މަގުފަހި އެއްޗެއް ކަމަށް އިންތިހާބަށް ރަނިލް ވިއްކި "ސިޔާސަތު" ފެއިލްވެ ރައްޔިތުން މިވަނީ ރަނިލްގެ "ރިކަވަރީ ޕްލޭނަށް" ނޫނެކޭ ބުނެފައި އެވެ.

2027 ވަނަ އަހަރާ ހަމައަށް އައިއެމްއެފްގެ ބެއިލްއައުޓް ރިކަވަރީ ޕްރޮގްރާމުގައި ސްރީލަންކާ ދެމި އޮތުމަށް އާ ސަރުކާރަށް މަޖުބޫރުވާނެ އެވެ. ލަންކާގެ ގިނަ ބަޔަކު އުންމީދު ކުރަނީ ގައުމު ހިންގުމުގައި ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުގެ މައްޗަށް ގަދަވެގަނެ، އާ ލީޑަޝިޕާ އެކު ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް