ނޭޕާލްގެ ޕޮލިސް ކްލަބުން މި މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ސީދާ ތިން ސެޓުން އުޒްބެކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށްގެނެވެ. ފައިނަލް މެޗުގެ ސެޓްތައް ނޭޕާލްގެ ޕޮލިސް ކްލަބުން ގެންދިޔައީ 25-16، 25-22 އަދި 25-23 އިންނެވެ. ނޭޕާލްގެ ޕޮލިސް ކްލަބުން ވަނީ ޖުމްލަ ހަ ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތުގައި ކުޅުނު ދިވެހި އެއް ޓީމު ކަމަށްވާ ކްލަބް ވެމްކޯ ވަނީ ސްރީލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި ފަހަތުން އަރައި 3-2 ސެޓުން ކާމިޔާބުކޮށް، ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ވެމްކޯގެ އައުޓްސައިޑް ހިޓާ ގުޓިކާ، ނޭޕާލް ޕޮލިސް ކްލަބްގެ އައުޓްސައިޑް ހިޓާ އުޝާ، ހުމޯގެ މިޑްލް ބްލޮކާ ދިލްނޯޒާ، ނޭޕާލް ޕޮލިސް ކްލަބްގެ މިޑްލް ބްލޮކާ ސުމިތުރާ، ސްރީލަންކަން އެއާފޯސްގެ ސެޓަރު ތުޝާރީ، ވެމްކޯގެ އޮޕަސިޓް ޕްލޭޔާ އައިތުރަގާން އަދި ނޭޕާލް ޕޮލިސް ކްލަބްގެ ލިބަރޯ ތަމަންގް ޝާންތިގަލާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޭޕާލް ޕޮލިސް ކްލަބްގެ އުޝާ އެވެ.