ގދ. ތިނަދޫ މަސްވެރިން މިގޮތަށް އެދުނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެރަށަށް ކުރެއްވި ޒިޔާރަތުގައި މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ތިނަދޫ މަސްވެރިން ވަނީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި މަސް ބިލުތަކަށް ވަގުތުން ފައިސާ ނުލިބޭތީ ފައިސާ ދީފައި ތެޔޮ އެޅުމަކީ ބޮޑު ތަކުލީފެއްކަމަށް މަސްވެރިން ވަނީ ބުނެފައެވެ.
މީގެއިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅަައިދިނުމަށާއި ތިނަދޫއިން ފަރުމަސް ގަނެވޭނެ އިންތިޒާމްތައް ހަމަޖެއްސާދިނުމަށް ވެސް އެރަށުގެ މަސްވެރިން ވަނީ މިނިސްޓާރު ޝިޔާމުގެ އަރިހުގައި އެދިފައެވެ.
މިނިސްޓަރު ޝިޔާމް، ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށު އައިސްޕްލާންޓަށާއި ތިނަދޫގައި އަޅަމުންދާ ކޯލްޑް ސްޓޯރޭޖަށް ޒިޔާރަތް ކޮށް އެތަންތަނުގެ މަސައްކަތް ކުރިއަށްދާ ބެލިއެވެ.
މަސްވެރިން މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މި ވައުދު ހާސިލުވާން ވަގުތު ނަގާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް މަހެއްވެގެން މީގެކުރިން މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.